ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ވަހީދުގެ ޖަނާޒާ ބާއްވައިފިއެވެ.

އާލާސްކަންފުޅު ބޮޑުވެ ރޭ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި މެންބަރު ހުސައިން ވަހީދުގެ ޖަނާޒާ ބައްވާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހުގައެވެ. އެ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް،، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހުސައިން ވަހީދުގެ ޖަނާޒާ ކުރިއަށް ދަނީ

މި ޖަނާޒާގައި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ބައިވެރިވެފައެވެ.

މެންބަރު ހުސައިން ވަހީދު، ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ވާނީ އެ ބައްޔަށް އަހަރެއްހާ ދުވަހު ދުބާއީންވެސް ފަރުވާ ހޯއްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ފަސް އަހަރުގެ ދައުރެއް ހުސައިން ވަހީދު ފުރުއްވިއެވެ. މެންބަރު ހުސައިން ވަހީދަކީ ށ. ފޯކައިދުއަަށް ނިސްބަތްވެވަޑައިގަންނަވާ ވިޔަފާރިވެރިވެސް ކުރައްވާ ބޭފުޅެކެވެ.