ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ވަހީދުގެ މައްޗަށް ކުރާ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.

ހުސައިން ވަހީދު އަވަރާހަ ވީ އާލާސްކަންފުޅު ބޮޑުވެ ރޭ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރަން، ކުރިން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. ނަމަވެސް މިހާރު ކަށުނަމާދު ކުރަނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުޒަރުގައެވެ.

ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ވާނީ އެ ބައްޔަށް އަހަރެއްހާ ދުވަހު ދުބާއީންވެސް ފަރުވާ ހޯއްދަވާފައެވެ.

އުމުރުފުޅުން 53 އަހަރުގެ ހުސައިން ވަހީދުގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ފަސް އަހަރުގެ ދައުރެއް ހުސައިން ވަހީދު ފުރުއްވިއެވެ. ހުސައިން ވަހީދަކީ ށ. ފޯކައިދުއަަށް ނިސްބަތްވެވަޑައިގަންނަވާ ވިޔަފާރިވެރިވެސް ކުރައްވާ ބޭފުޅެކެވެ.