ކޮވިޑް-19ން ދިފާއުވުމަށް ފައިޒާ އަދި ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިނުގެ ތިން ޑޯޒް ޖެހުމުން މިހާރު ފެތުރެމުން ދާ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން އިން ވަރަށް ރަނގަޅަށް ދިފާއު ކޮށްދޭކަން ހާމަވެފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ.
ޝެބާ މެޑިކަލް ސެންޓަރާއި އިޒްރޭލުގެ ހެލްތު މިނިސްޓްރީގެ ސެންޓްރަލް ވިރޮލޮޖީ ލެބޯޓްރީން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާގެ ނަތީޖާ ވަނީ ފާއިތުވި ހަފްތާގައި ފައިޒާ އަދި ބަޔޯއެންޓެކްގެ ހޯދުންތަކާ ވެސް އެއްގޮތް ވެފައެވެ.
ނިމުނު ހަފްތާގައި މި ވެކްސިން އުފެއްދި ފަރާތުން ވެސް ބުނެފައި ވަނީ މި ވެކްސިނުގެ ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ޑޯޒް ޖެހުމުން މި ވޭރިއަންޓުން ވަރަށް ރަނގަޅަށް ދިފާއު ކޮށްދޭ ކަމަށެވެ.
މި ދިރާސާގައި ވަނީ ފާއިތުވި ފަސްމަހާ ހަމަސް ކުރިން މި ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ 20 މީހުންގެ ލޭގެ ސާމްޕަލާ މީގެ އެއް މަސްދުވަސް ކުރިން ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާފައިވާ 20 މީހުންގެ ލޭގެ ސާމްޕަލް އަޅާކިޔާފައެވެ.
ދިރާސާއާ ގުޅިގެން ޝެބާ މެޑިކަލް ސެންޓަރުގެ ޑިރެކްޓަރު ގިލީ ރެގެވް ވިދާޅުވެފައިވަނީ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ހަށިގަނޑުން އޮމިކްރޯން ވޭރިއަންޓުން ދިފާއުވުމުގެ ބާރެއް އުފައްދީފައިނުވާ ކަމަށާ ނަމަވެސް ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންގެ ހަށިގަނޑުން އޮމިކްރޯން ވޭރިއަންޓުން ރައްކާތެރިވުމުގެ ބާރު އުފައްދާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މިއާއެކު ހާމަވެގެން ގޮސްފައިވަނީ ބޫސްޓާ ޑޯޒާއެކު އޮމިކްރޯންއިން ހަށިގަނޑު ދިފާއުވުމަށް ވަރަށް ބޮޑު ބާރެއް ލިބިގެން ދާ ކަން ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ނަމަވެސް ޑެލްޓާ ވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރާ އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރު ދަށް ކަމަށެވެ.