މިދިޔަ ޖެނުއަރީ މަސް ނިމިގެން ދިޔައިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެ ގައުމުގައި ވެކްސިން ޖެހި ކުޑަކުދިންގެ ތެރެއިން، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ގިންތީގެ 10 ކުއްޖަކަށް، ސިއްހީ ގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވި ކަމަށް ރެކޯޑް ކޮށްފައި ވާ ކަމަށް، ސިންގަޕޫރުގެ ހެލްތު ސައެންސަސް އޮތޯރިޓީ (އެޗްއެސްއޭ) އިން ހާމަ ކޮށްފިއެވެ.

އެގޮތުން ސީޒާސް، އެޕެންޑިކްސް ދުޅަވުން، ލޭގެ ޕްރެޝަރު ދަށްވުން، އެލާޖިކްވުން، ކިޑްނީގެ މައްސަލަތައް ދިމާވުމާއި ހިމަ ލޭނާރުތައް ދުޅަވުން ފަދަ ކޭސްތައް ފެނިފައި ވާ ކަމަށް އެޗްއެސްއޭއިން ބުނެއެވެ. ނަމަވެސް، މި އުމުރު ފުރާއިން އަދި މިހާތަނަށް، މަޔޯކާޑައިޓިސް ނުވަތަ ޕެރިކާޑައިޓިސްގެ ކޭސްތަކެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސިންގަޕޫރުގައި، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހައިދޭން ފަށާފައި ވަނީ ޑިސެމްބަރު 27، 2021 ގައެވެ. މި އުމުރު ފުރާގެ ކުދިންނަށް ސިންގަޕޫރުގައި ޖަހައިދެނީ ފައިޒާ-ބައޮއެންޓެކް/ކޮމިއަނާޓީ ވެކްސިނެވެ.

ޖެނުއަރީ މަސް ނިމުނުއިރު ސިންގަޕޫރުން (މި އުމުރުފުރާގެ) 238253 ކުއްޖަކު ކޮވިޑް ވެކްސިން ޖަހާފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެޗްއެސްއޭއިން ބުނާ ގޮތުގައި ވެކްސިން ޖަހައިގެން ސީރިއަސް މައްސަލަތަކެއް ދިމާވި ކުދިންގެ ނިސްބަތަކީ، މި އުމުރާގައި 0.004 ޕަސެންޓްއެވެ.

މި ކުދިންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ކަނޑައެޅިގެން ވެކްސިންގެ ސަބަބުން ކަމުގައި ބުނެވެން ނެތް ކަމަށާ، އެކަމަކީ، މީގެ ކުރިން ދެނެގަނެވިފައި ނުވާ ސިއްހީ މައްސަލައެއް ނުވަތަ ވެކްސިން ދުވަސްވަރާ އިއްތިފާގުން ދިމާވި ސިއްހީ މައްސަލައަކަށްވެސް ވެދާނެ ކަމަށް، ސިންގަޕޫރުގެ ކަމާ ބެހޭ ފަރާތުން ބުނެއެވެ.

ސިންގަޕޫރުގައި ކޮވިޑް ވެކްސިން ޖެހި ކުދިންގެ ތެރެއިން، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ބަލާއިރު، ސިއްހީ ކުދި ކުދި މައްސަލަތައް ދިމާވި 280 ކޭހެއް ފެނުނު ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް އެއީ ޖަހާފައި ވާ ޑޯޒްތަކުގެ ޖުމުލަ ނިސްބަތަށް ބަލާއިރު 0.12 ޕަސެންޓްއެވެ. ވެކްސިން ޖެހުމުގެ ސަބަބުން ފެންނަ އާންމު ސައިޑް އިފެކްޓްތަކުގެ ތެރޭގައި ލޮލުގެ ބޮނޑިމަތި، މޫނު ނުވަތަ ތުންފަތް ދުޅަވުން، ބޯ އެނބުރުން، ހުން އައުން އަދި ނޭވާ ކުރުވުން ފަދަ ކަންކަން ހިމެނެއެވެ.