2020 ވަނަ އަހަރާ އަޅާ ބަލާއިރު، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި – ފައިޒާ އަށް ލިބުނު ފައިދާ، 2021 ވަނަ އަހަރުގެ ތެރޭގައި 2 ގުނަ އިތުރު ވެއްޖެއެވެ.

ފައިޒާ ކުންފުންޏަށް މިހާ ބޮޑު އާމްދަނީއެއް ލިބި ފައިދާ ޖެހުނު ސަބަބަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ކޮވިޑް-19 ވެކްސިނުން 2021 ވަނަ އަހަރު ސޭލްސް ގެ ގޮތުގައި ލިބޭނެ ކަމަށް ފައިޒާ ކުންފުނިން ލަފާ ކުރީ 15ބިލިއަން ޑޮލަރެވެ. ނަމަވެސް ހަގީގީ އަދަދުތައް އޭގެ 2 ގުނައަށް ވުރެ މައްޗެވެ.

2021 ވަނަ އަހަރު ފައިޒާ ކުންފުންޏަށް ފައިދާގެ ގޮތުގައި 22 ބިލިއަން ޑޮލަރު ޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ޖުމުލަ އާމްދަނީ 81.3 ބިލިއަން ޑޮލަރަށް އަރާފައި ވާ އިރު، 36.8 ބިލިއަން ޑޮލަރަކީ ކޮވިޑް-19 އަށް ހާއްސަކޮށްގެން ތަރައްގީ ކުރި ވެކްސިނުން ލިބުނު އާމްދަނީ ކަމަށް ހަބަރު ލިބެއެވެ.

ފައިޒާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އެލްބާޓް ބޫރްލާ ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ކުންފުނިން ކުރި ހަނގުރާމައިގެ ސަބަބުން އެދެވޭ ބަދަލެއް އައީ ހަމައެކަނި ދުނިޔެއަށް ނޫން ކަމަށާ، ތާ އަބަދަޓަކާ ފައިޒާ ކުންފުންޏަށްވެސް ހެޔޮ ބަދަލެއް އައިސްފައި ވާ ކަމަށެވެ.

ކަން މިހެން އޮތް އިރު، އެތައް ބައެއްގެ ފުރާނަ ގެއްލި، އިތުރު އެތައް ބަޔަކު ބިކަ ކޮށްލި އާލަމީ ބަލިމަޑުކަމުން މާލީ ފައިދާ ހޯދި ކަމުގެ ތުހުމަތުގެ އިނގިލި، ފައިޒާ ކުންފުންޏަށް ދަނީ އަމާޒު ވަމުންނެވެ.

2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ފައިޒާ ކުންފުންޏަށް 81 ބިލިއަން ޑޮލަރު ޖެހިފައި ވާއިރު، އެއީ، ބައެއް ގައުމުތަކުގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) އަށް ވުރެވެސް ބޮޑު އަދަދެއް ކަމަށް، ގްލޯބަލް ޖަސްޓިސް ނައުއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ގްލޯބަލް ޖަސްޓިސް ނައުއިން ވަނީ، އާންމު ސިއްހީ ނިޒާމުތަކުން ފައިޒާ ކުންފުނިން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތު އަމާޒު ކޮށްފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން ދަނީ ފައިޒާ، މޮޑާނާ އަދި އަސްޓްރާޒެނީކާ ކުންފުނިންނެވެ.