އަންނަ އަހަރު ޖެނުއަރީ 1 ގެ ފަހުން ދަތުރުކުރަން، މިދިޔަ ނޮވެމްބަރު 1 ފެށިގެން ޓިކެޓް ގަންނަ މީހުން، ޑިޕާޗާ ޓެކްސް ދައްކަން ޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ބުނީ ޖެނުއަރީ 1، 2022 ނުވަތަ އޭގެ ފަހުން ދަތުރު ކުރުމަށް ނޮވެމްބަރު 1، 2021 ގައި، ނުވަތަ އޭގެ ފަހުން ޓިކެޓު ގަންނަ، ނުވަތަ ދަތުރުގެ ތާރީހު ބަދަލުކުރާ ފަސިންޖަރުން ޑިޕާޗާ ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެއާޕޯޓުން ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަނީ 25 ޑޮލަރެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސްއާ އެއްގޮތަށް އަދަދުތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނާފައެވެ. އެގޮތުން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ.

ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގަން ނިންމާފައިވާ އިރު، ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ނެގުމަށް ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޕާޗާ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހިމަނާފައެވެ. މި ގާނޫނުގައި ބުނާ އެއާޕޯޓް ސާވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު 31، 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ސާވިސް ޗާޖާއި، ޑިޕާޗާ ޓެކްސްގެ އިތުރުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން 2 އަހަރު ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ.