ކުރިއަށް އޮތް ދިރާސީ އާ އަހަރު ގްރޭޑް އެކަކުން 12 އަށް ބޭނުން ކުރާ އިސްލާމާއި ގުރުއާން ފޮތްތައް ޗާޕުކުރާއިރު، އެ ފޮތްތަކުގައި މިހާރު ހުރި އާޔަތްތައް އުނިކުރާ ވާހަކައަކީ ދޮގެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ، ކުރިއަށް އޮތް ދިރާސީ އާ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތްތަކުގައި މިހާރު ހުރި އާޔަތްތައް އުނިކުރަން އެ މިނިސްޓްރީން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޖަމްއިއްޔަތުއްސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

އަބްދުﷲ ވިދާޅުވީ، ދިރާސީ އާ އަހަރަށް އިސްލާމާއި ގުރުއާނުގެ މުގައްރަރު ޗާޕުކުރާއިރު އެ ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ އެންގުމަކީ ދުރު މުސްތަގުބަލެއްގައި ދިވެހިން އިސްލާމްދީނާ ދުރުކޮށް، ދީނާ ބީރަށްޓެހިކުރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލެއް "ދަ ޕްރެސް" އަށް ވިދާޅުވީ، އިސްލާމް ފޮތްތަކުން ގުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް އުނިކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ތެދު ވާޙަކައެއް ނޫން ކަމަށެވެ.

"ފޮތްތައް ޗާޕުކުރަނީ ކުރިން ފާހަގަވީ ކުށްތައް އިސްލާހުކޮށް، ސޫރަތާއި އާޔަތާ އެއްކޮށް." އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަހަރު އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ގުރުއާނުގެ އާޔަތްތަކުގައި ކުށްހުުރުމުގެ މައްސަލަ ފާހަގަ ކުރެވިފައިވެއެވެ. އެކަމާ ގުޅިގެން އިލްމުވެރިންނާއި ބެލެނިވެރިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއެކު، އިސްލާމާއި ގުރުއާން ފޮތްތަކުން ކުށް ފެނިއްޖެ ނަމަ އެކަން އަންގަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން އެދިފައެވެ.