ސަރުކާރުން ވެފައިވާ ވައުދުތައް، އެންމެ އުތުރުގައިވާ ރަށްރަށުން ފެށިގެން އެންމެ ދެކުނުގައިވާ ރަށްރަށަށް އެއްވެސް ތަފާތުކުރުމެއް ނެތި ފުއްދަމުން ދާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ރޭ ހާފިޒް އަހުމަދު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތަރައްގީގެ ކަންތައްތަކުގައި ސަރުކާރުން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން ދަނީ ހުރިހާ ރަށްރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ހިންގަމުން ކަމަށާއި، އެގޮތުން ތަރައްގީގެ މަޝްރޫއެއް ނުހިންގާ އެއްވެސް ރަށެއް ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތައް އެއްވެސް ތަފާތު ކުރުމެއް ނެތި ފުއްދަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ފުވައްމުލަކުގައި ފަށާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ ދަށުން، އެ ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ގާއިމްކުރާނެއެވެ.

ނެދަލޭންޑްސްގެ ސަރުކާރުގެ ހިލޭ އެހީއާއި، ކުވޭތު ފަންޑުގެ ލޯނު އެހީއާއި، ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ޖުމްލަ 300 މިލިއަން ރުފިޔާ ހަރަދުވެގެން ދާއިރު، މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑް މޯލްޑިވްސް އަށެވެ.

އެގޮތުން މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީ ހޯގާޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕެއާ ވިންތާ ލާސަނެވެ. އެއަށްފަހު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓާންޔާ ގޮންގްރިޖެވެ.

ފުވައްމުލަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނައިބު ރައީސް މިއަދު މާލެ ވަޑައިގަންނަވާނެއެވެ.