ޔޫނުސް ލަޔަކް، އަކީ އުފަން ވީއިރު ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ ހުންނަ ކުއްޖެކެވެ. ހެލްކުއިން އައިޗްތިއޯސިސްއަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެކެވެ. މިބަލީގެ ސަބަބުން ލަޔަކްގެ މުޅި ގައިގެ ހަންގަނޑު ބޯވެފައި ހުރުމުގެ އިތުރުން މޫނުގެ ސިފައަށް ބަދަލު އައިސް ނޭވާލާން އުނދަގޫވެފައި ހުންނަކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާ ފެނަށް ލައި ފޯކުރުމުން، އެ ހަންގަނޑު ނެއްޓުނު ނަމަވެސް އެ ތަންތަނުން ލޭ އަންނަ ކަމަށްވެސް ބުންޏެވެ. އަދި ބޯވެފައިވާ ހަންގަނޑު ނުނެއްޓޭ ނަމަ، އިތުރަށް އޭގެ މައްޗަށް ހަން އަރައި، ހާލަތު އިތުރަށް ގޯސްވެއެވެ. މިއީ މިވަގުތު މި ތުއްތު ލަޔަކްގެ ހާލަތެވެ.

ލަޔަކް އުފަންވީ މި އަހަރުގެ ފެބްރުވަރީ 26ގައި ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ލަޔަކް ފުރަތަމަ ފެނުމާއެކު ހައްވާ އުލާ އިބްރާހީމް (ލަޔަކްގެ މަންމަ)ގެ ހަނދާނަށް އައީ މީގެ 11 އަހަރު ކުރީގެ ހަނދާންތަކެވެ. އެއީ މީގެ 11 އަހަރު ކުރިން އުލާއަށް ލިބުނު ފުރަތަމަ ދަރިފުޅަކީ ވެސް މި ޑިސްއޯޑާ ހުރި ކުއްޖަކަށް ވީތީއެވެ. ފުރަތަމަ ދަރިފުޅު ވިހެއިތާ ހަ މަސް ތެރޭގައި މަރުވެފައި ވާއިރު އެކުއްޖާ މަރުވެފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އެ އާއިލާއަށް ލިބުނު ދެވަނަ ދަރިފުޅަކީ އެހެން ކުދިންނެކޭ ވެސް އެއްފަދައިން ސިއްހަތު ރަނގަޅު ކުއްޖެކެވެ.

އުލާ ލަޔަކް އުރާލައިގެން (ކ) ލަޔަކްގެ ބައްޕަ (ފަރަހް) އަދި ލަޔަކްގެ ބޭބެ

ތިން ވަނަ ދަރިފުޅު (ލަޔަކް)އަކީ "ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ" ހުންނަ ކުއްޖެއްކަން އެނގުނީ ސިޒޭރިއަން އަށް ފަހު ދަރިފުޅު ފެނުމުންނެވެ. އެ ޑިސްއޯޑާ ހުންނަ ދެވަނަ ކުއްޖަކު ލިބުމުގެ ފުރުސަތު އޮންނަކަން އެނގުނީ ވެސް ލަޔަކް އުފަންވި ފަހުން ކަމަށް އުލާ ބުނެއެވެ. އުލާ އޭނާގެ ތިން ވަނަ ދަރިފުޅަށް ފަރުވާ ހޯދުމަށް ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ.

އުލާ ބުނިގޮތުގައި ލަޔަކްގެ ނާރު ނުފެންނާތީ ލޭ ގެނުމަކީ ވެސް އުނދަގޫ ކަމެކެވެ. މިއީ އެހާ އާންމު ބައްޔަކަށް ނުވާތީވެ ރާއްޖޭގެ ޑޮކްޓަރުންނަށްވެސް ބައްޔާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް އާސަންދައިން މިހާރުވެސް އެހީތެރިކަން ލިބެމުންދާ ކަމަށް އުލާ ބުންޏެވެ.

ލަޔަކް ހަތް މަހުގައި

ވަރަށް ރެއާ ބައްޔެއް ވީމަ، ދުނިޔޭގައި އެމެރިކާ ތަންތަނުގައި ވެސް ވަރަށް ޑޮކްޓަރުންނަށް ނޭނގޭ ބައްޔަކަށް ވަނީ، މިއީ އަދި ކުޑަކުޑަ ގައުމަކަށް ވީމަ މިތާ ޑޮކްޓަރުންނަކަށް ނޭނގޭ، އެތާ އެހެން ގައުމުތަކުގެ މީހުން ވެސް ބުނަނީ އެއް ޑޮކްޓަރުން އަނެއް ޑޮކްޓަރުން ވެސް އޮންލައިންކޮށް ވެސް ޑިސްކަސް ކޮށްގެންނޭ ބޭސްފަރުވާ މިކުދިންނަށް މި ކުރަނީ،
ހައްވާ އުލާ އިބްރާހިމް

ދަރިފުޅު ގޮވައިގެން ފަރުވާ ހޯދުމަށް ބޭރު ގައުމަށް ދިއުމަށް އުލާ އާންމުންގެ އެހީއަށް އެދުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން ވަނީ ބޮޑުއަދަދެއްގެ އެހީ ލިބިފައެވެ.

"ދަ ޕްރެސް" އަށް އެންމެ ފަހުގެ މައުލޫމާތު ދެމުން އުލާ ބުނީ ލަޔަކްއަށް އެހީއަށް އެދުމާއެކު ގިނަ ބައެއްގެ ފަރާތުން އެހީ ލިބިފައިވާ ކަމަށާއި މިހާތަނަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. ލަޔަކްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ މަގު އެހާ އަވަހަށް ހަމަޖެހޭނެ ކަމަކަށް އުންމީދު ވެސް ނުކޮށް ހުއްޓާ އެ ފުރުސަތު ފަހިވުމުން އެ އާއިލާއިން ޝުކުރުވެރި ވެއެވެ.

ލަޔަކް ނުވަ މަހުގައި

އުލާ ބުނީ ސަރުކާރުގެ ހުރިހާ މިނިސްޓްރީީތަކުން އަދި މަޖިލީހުގެ މެންބަރުން ވެސް ވަރަށް ގާތުން ލަޔަކްގެ ހާލު ބަލާ ކަމަށެވެ.

އުލާ ބުނީ ފަރުވާގެ ކަންތަކަށް ބޭނުން ވާނީ ކިހާ ފައިސާއެއްކަން އެނގޭނީ ބެންކޮކަށް ދިއުމުން ކަމަށެވެ. އަދި މިހާރު ބޭނުން ވަނީ ލިބިފައި ހުރި ފައިސާއިން ވީ އެންމެ އަވަހަށް ބޭރަށް ގޮސް ފަރުވާ ފަށަން ކަމަށް އުލާ ބުންޏެވެ.

ލަޔަކްގެ ބައްޔަށް ފަރުވާއެއް ނެތް ނަމަވެސް ލަޔަކް ކޮންމެ ދުވަހަކު އެ އަޅާ ވޭނަށް ލުޔެއް ލިބިގެންދިއުމަކީ އުލާ މިވަގުތު އެންމެ ބެނުންވާ ކަމެވެ.

އަޅުގަނޑުގެ އުންމީދަކީ ބޭބީއަށް މިއަށް ވުރެ ވެސް ފަސޭހަ ގޮތަކަށް ދިރިއުޅެވޭނެ ގޮތް ވުން، މިކަމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެއްކޮށް ރަނގަޅު ނުވާނެ ކަން އިނގޭ އެކަމަކުވެސް ފަސޭހަ ކޮށްދެވޭނެ އެއަށް ވުރެ ރަނގަޅު ބޭސްތަކެއް ދީގެން،
ހައްވާ އުލާ އިބްރާހިމް

ލަޔަކް ގޮވައިގެން ބޭސް ފަރުވާ އަށް ބެންކޮކަށް ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2، 3 ހިސާބުގައި ކަމަށް ބުންޏެވެ.

ލަޔަކް

ލަޔަކްއަށް އެހީވާން ބޭނުންވާ ފަރާތްތަކުން ލަޔަކްގެ މަންމަ، އުލާ 9689122 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

އެކައުންޓު ނަން: ހައްވާ އުލާ އިބްރާހިމް

އެކައުންޓް ނަންބަރު (ރުފިޔާ): 7730000205317

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ ޔޫނުސް ލަޔަކްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.