ޒަމާންތަކެއްގެ ކުރިން މި ކުޑަކުޑަ ދިވެހިރާއްޖެއަށް ދަތުރުކުރި ސައްޔާހުން މި ގައުމު ސިފަކޮށްފައި ވަނީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ނަމަވެސް މިއަދު ޒަމާން މިވަނީ ބަދަލުވެފައެވެ. މި ކުޑަކުޑަ ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، އިޖުތިމާއީ މައްސަލަތަކަށް އިތުރުވެ، ގައުމުގެ ހާލަތު ބޮއްސުންލާފައި ވާކަމަށް ދެބަސްވާނެ މީހަކު ނުހުންނާނެކަން ޔަގީނެވެ.
މި ހުރިހާ މައްސަލައެއްގެ ތެރެއިންވެސް މުޅި ގައުމުގައި އެންމެ ބޮޑަށް ފެތުރި، ގައުމު ހަލާކުކުރަމުންދާ އެންމެ ބޮޑު މައްސަލައަކީ ކޮބައިތޯ އަހައިފިނަމަ ހަމަ ޔަގީނުންވެސް ގިނަ ބައެއް އިއްތިފާގުވާނީ އެއީ 2000ވަނަ އަހަރުގެ ކުރީކޮޅު މި ގައުމަށް ތައާރަފުވެގެން ދިޔަ މަސްތުގެ ވަބާކަމަށެވެ.
އުމުރުން 8 އަހަރުން ފެށިފެން މަސްތުގެ ދުނިޔޭގައި
ދިވެހިރާއްގޭގައި މި ވަބާ، ކަންބޮޑުވާން ޖެހޭ މިންވަރަކަށް ފެތުރިފައި ވާއިރު ޑްރަގް ސިޗުއޭޝަނަލް އެނަލިސިސް ބުނާގޮތުން ނަމަ 2014 ވަނަ އަހަރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ އަކީ 22 އަހަރާއި، 37 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް މި މައްސަލަ އިތުރަށް ގޯސްވެ، 2021 ވަނަ އަހަރު މިކަމާ ގުޅިގެން ހެދި ދިރާސާއެއްގެ ނަތީޖާތައް ދައްކާގޮތުން މިހާރު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާއަކީ 17 އަހަރާއި، 68 އަހަރާ ދެމެދެވެ.
މި އުމުރުފުރާތަކުގެ މީހުންގެ އިތުރުން މި ވަބާގެ ޝިކާރައަކަށް އުމުރުން 8 އަހަރުގެ ކުދިންވެސް ވެފައިވާކަމަށް ދާދި ފަހުން ހެލްތް މިނިސްޓްރީން ވެސް ވަނީ ހާމަކޮށްފައެވެ.
ޝަރީއަތް ލަސްވުމާއި ކުށްވެރިން ދޫވުން
ނޫސްތަކުގެ ފަލަސުރުހީތަކުން މިހާރު ފެނިގެންދާ އެންމެ އާންމު ބައެއް ހަބަރުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރާ ބޮޑުން ދޫވާ ހަބަރާ، އެފަދަ މައްސަލަތަކުގައި ކުށްވެރިންނާ ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނުލިބި އެފަދަ މީހުން ކުށުގެ ވެއްޓަށް އަލުން ދޫވާ މައްސަލައަކީ ފާހަގަކޮށްލެވޭ ހަބަރުތަކެކެވެ.
މިފަދަ ގިނަ މައްސަލަތަކުގެ ޝަރީއަތް ނުފެށި މައްސަލަ ދިގުލައިގެން ގޮސް އެންމެ ފަހުން ޝަރީއަތަށް ވާގޮތެއް ނޭނގެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ކުށްވެރިން ކުށުގެ ވެއްޓަށް ދޫވެ، މާބޮޑު އަދަބެއް ނުލިބޭނެ ކަން އެނގި މިކަންކަމުގެ ސަބަބުން އެމީހުންނަށް އިތުރު ހިތްވަރެއް ލިބުމާއެކު އެއްވެސް ބިރުވެރިކަމެއް އަދި ހާސްކަމެއް ނެތި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ ނެޓްވޯކް ފުޅާކުރުމަށް މަގުފަހިވެގެން ދިއުމެވެ.
މަސްތުން ސަލާމަތްވުމުގެ ފަރުވާ ފެށޭ މަރުކަޒުގައި ހުރީ ބަންދު ބޯޑު
މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ފަރުވާ ބޭނުންވާކަމަށް ފުލުހުންނަށް ފެންނަ ނަމަ، އެމީހަކު ޖަލަށް ފޮނުވުމުގެ ބަދަލުގައި ފޮނުވާ މަރުކަޒަކީ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެވެ. ރާއްޖޭގައި އަމަލުކުރަމުން ދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 103 ވަނަ މާއްދާގައި މިކަން ބަޔާންކޮށްފައި ވާއިރު މިފަދަ އެހީއެއް ބޭނުންވާ ބަޔަކު ޖަލުގައި ބަންދުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. މި ރިމާންޑު ސެންޓަރުގައި މީހުން ބަންދު ކުރެވޭނެ ގޮތެއް ނެތި، ދޫވަމުންދާތީ އެ މުއައްސަސާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ފުލުހުން ބުނެފައި ވަނީ މި މަރުކަޒުތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭ ނަމަ މަސްތުގެ ވަބާގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިފަދަ މަރުކަޒުތަކުގައި ބައިތިއްބާ މީހުންގެ ބަންދާ މެދު މީގެ ކުރިން ގޮތް ނިންމަމުން ދިޔައީ ކްރިމިނަލް ކޯޓުން ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިފަދަ މީހުންގެ ބަންދާ މެދު ގޮތް ނިންމުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ނިންމާފައެވެ. ފާއިތުވި އޮގަސްޓު މަހު ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުމާއެކު އެ މަރުކަޒުގެ ދޮރުތަކުގައި ވަނީ ބަންދު ބޯޑު އެޅުވިފައެވެ.
ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރަކީ މި ބަވާއިން ސަލާމަތް ވުމުގެ ފަރުވާ ފެށޭ ހިސާބެވެ. ނަމަވެސް މިއަދު އެ ދޮރުވެސް ބަންދުވެފައި ވާއިރު ފަރުވާގެ ފުރުސަތުތައް ގެއްލި، މިފަދަ މައްސަލަތަކުގައި ތަކުރާރުކޮށް އެކަކު ހައްޔަރުކުރެވޭ މައްސަލަ ވަނީ ކުރިމަތި ވެފައެވެ.
ރިހެބިލިޓޭޝަން ސެންޓަރުތައް - ވަބާއަށް ހުޅުވިފައިވާ އިތުރު ދޮރުތަކެއް
ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާދޭނެ ރިހެބިލިޓޭޝަން ސެންޓަރުތަކެއް އެބަހުއްޓެވެ. ނަމަވެސް މިފަދަ ބައެއް ސެންޓަރުތަކުގެ ހާލަތު ވަނީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މިންވަރަށް ދަށަށް ގޮސްފައެވެ. މިފަދަ ސެންޓަރުތަކާ ގުޅޭ އެތައް ޝަކުވާއެއް ކަމާބެހޭ އިދާރާތަކަށް ލިބެމުން ދާއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 'ޗޭންޖް އެންޑީއޭ' ޕެޓިޝަން ދިރާސާ ކުރުމަށްޓަކައި ޕެޓިޝަން ކޮމިޓީގެ މެމްބަރުން ވަނީ ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރާތް ކުރައްވާފައެވެ.
މި ޒިޔާރަތްތަކުގެ އަލީގައި ހޯދުނު މައުލޫމާތުތައް ހާމަކުރައްވާ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވިދާޅުވެފައި ވަނީ ބައެއް ސެންޓަރުތަކުން ފެނިގެން ދިޔައީ ހިތްދަތި މަންޒަރެއް ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ބައެއް ސެންޓަރުތައް މުޅިން ފަޅަށް ހުރިއިރު އަނެއްބައި ސެންޓަރުތައް ވަނީ މަސްތުވާތަކެއްޗަށް ހުޅުވައިދޭ އިތުރު ދޮރުތަކަކަށް ވެފައި ކަމަށެވެ.
މައްސަލައާ ގުޅިގެން ސަރުކާރުން ބުނަނީ ކީކޭ؟
މަސްތުވާތަކެއްޗަށް ގައުމުގެ އެތައް ބަޔަކު ހުށަހެޅިގެން ދިއުމާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައި ވަނީ މި ވަބާއިން ގައުމު ސަލާމަތް ކުރުމަކީ ބުރަ ނަމަވެސް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި އަނދަވަޅުގެ ސަބަބުން މުޖުތަމައުން އެކަހެރިވެފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެންނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި މައްސަލަތަކަށް ސަރުކާރުގެ ނަޒަރު ކުރިއަށް ވުރެ ސީދާ ކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާ، ފާއިތުވި ތިން އަހަރަށް ބަލާއިރު މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.
ދާދި ފަހުން މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ މި މައްސަލައަކީ އެއްވެސް ގައުމެއްގައި މުޅިން ހައްލުވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި މިކަން ފެތުރިފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މީގެ މޫތައް ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށާ މި ކަމާ ދެކޮޅަށް ތެދުވާ މީހުންނަށް ކޮންމެވެސް ވަރެއްގެ ނުރައްކަލެއްވެސް ކުރިމަތިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު މި ވަބާއާ ދެކޮޅަށް މިހާރު ފަށާފައިވާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށާ ގައުމު މިސްރާބު ޖަހާފައި ވަނީ މިކަމުން އަރައިގަތުމަށް ހައްލަކާ ދިމާއަށް ކަމަށެވެ.
ނަމަވެސް މިއަދު މި ގައުމުން ތަކުރާރުކޮށް ފެންނަނީ ރޯމާ ދުވާލު އެއްވެސް ބިރެއް، ފިކުރެއް ނެތި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރަމުދާ މަންޒަރެވެ. އާންމު ތަންތަނާއި މަގުމަތި މަސްތުވާތަކެތީގެ އައްޑާއަކަށް ވެ މުޅި ގައުމު ހަލާކުވަމުން ދާ މަންޒަރެވެ. ވީއިރު، މިއަދު ހިތުގައި އުތުރިއަރާ ސުވާލަކީ ހަގީގަތުގައިވެސް ގައުމު މިސްރާބު ޖަހާފައި ވަނީ ހައްލަކާ ދިމާއަކަށްތޯ ކަމަށެވެ؟