ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް ހިޔާނާތްތެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކަށް ވީ، މަސް ގަތުމަށް ފަހު، ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން ކަމަށާއި އަދި ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދީ ހަލާސް ކުރުން ކަމަށެވެ.

އަދި މަސްވެރިންނަށް ފައިސާ ނުދީ، އެ ފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮށްގެން، އޭގެ މަންފާ މިސަރުކާރުން ނުހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ނުދީ ހުރި ކަން ފާހަކަ ކުރައްވައި އެފައިސާ މިސަރުކާރުން ދީ ހަލާސްކުރައްވާފައިވާކަން ފާހަގަ ކުރައްވާފައެވެ.

ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ހިޔާނާތެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި، ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން، ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެނެއްނުދާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިތުރަށް ވިދާޅުވީ އަގު ދިނުމާ އެއްވަރަށް، އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަކީ ވެސް ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށެވެ. މިގޮތުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމު ހަމަޖެއްސުމަކީ، ވިޔަކޮށް، ހިސާބު އަކުރުން ހޯދަން ޖެހުނު ހައްލެއް ކަމަށާއި ފުރަތަމަ ޖެހުނީ، މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯއްދަވަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށް ބަލައި، މިފްކޯގެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި، އެ ކުންފުނި ހިންގޭނެ މަގެއް ހޯދުނު ކަމަށާއި މި މަގު ހޯދުމުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދިނީ، ރާއްޖޭގެ މަސްވެރިން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.