ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ހަސަން އަލީ (އައްޔުބެ)ގެ މަރުގެ މައްސަލާގައި މައްސައިގައި ކުށް ސާބިތުވި މީހާ މިނިވަން ކޮށްފިއެވެ.

އައްޔުބެ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލާފައި އޮއްވާ ފެނުނީ ދ. ކުޑަހުވަދޫ ފަޅު ގެއެއް ތެރޭގައެވެ. އެ މައްސަލާގައި އިއުތިރާފު ވެފައި ވަނީ އޭރު އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖެކެވެ.

މި މަރުގެ މައްސަލާގައި ދެ ކުދިންގެ އިއުތިރާފާއެކު 2012 ޑިސެމްބަރު މަހުގެ ތެރޭގައި، އެ ކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އޭރު ހުކުމް ކުރީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ހުރި ބާލިޣުނުވާ ކުއްޖަކު ބާލިޣުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން އެ ދެކުދިން ޖަލުގައި ބޭތިއްބުމަށެވެ. ނަމަވެސް އެ ކުއްޖާ ވަނީ ފަހުން ގެނބިގެން މަރުވެފައެވެ.

މި މައްސަލާގައި ހިމެނޭ އެކަކު ވަނީ 2017 ވަނަ އަހަރު މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އޭރު ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށެވެ. މި މައްސަލާގައި ދެން ހިމެނޭ މީހާ މައްސަލަ އިސްތިއުނާފް ކުރީ 2020 ވަނަ އަހަރުގައެވެ.

ދެވަނަ މީހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ޖުވެނައިލް ކޯޓުގައި ސާބިތުވި ނަމަވެސް، އޭނާގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުން މިދިޔަ މަހު 17 ވަނަ ދުވަހު ހައި ކޯޓުން ނިންމީ އޭނާގެ މައްޗަށް ސާބިތުވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ކަމަށެވެ.

އެ ކުށަށް އަދަބު ކަނޑައަޅަން ހައި ކޯޓުން ޖުވެނައިލް ކޯޓަށް އެންގުމުން އެމައްސަލާގައި މިދިޔަ އަންގާރަ ދުވަހު ޖުވެނައިލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް ކަނޑައެޅޭނީ 10 އަހަރަށް ވުރެ ކުޑަ ޖަލު ހުކުމަކަށް ވެފައި މި މައްސަލައިގައި އޭނާ 10 އަހަރަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިގޮތުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް މިހާރު އަދަބު ކަނޑައެޅިޔަސް، އޭނާ އިތުރަށް ތަންފީޒު ކުރަން ޖެހޭނެ އަދަބެއް ނޯންނާނެތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އައްޔުބެގެ މަރާ ގުޅޭގޮތުން އޭރު ކުޑަހުވަދޫ މީހުން ބުނަމުން އައީ އޭނާއަކީ ސިހުރު ހަދައިގެން އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމަށެވެ. އަދި އޭނާ މަރާލާފައި ވަނީ އައްޔުބެ އެފަދައިން އަނިޔާ ދިން ކުއްޖަކާ ގުޅުން ހުރި ބައެއް ކަމަށް ވެސް ބުނެ އުޅެއެވެ.