ރާއްޖެއިން ރޯ މަސް ފޮނުވައިގެން މޮރިޝަސްގައި ބަންދުކުރަން މަޝްވަރާ ކުރަމުން އަންނަނީ ނުއަގުގައި ބޭރަށް ރޯމަސް ނުވިއްކަން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޔޫރަޕަށް ރާއްޖެ އިން ބޭރުކުރާ މަހަށް 24 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ޖެހުމުގެ ސަބަބުން ރާއްޖޭގެ މަސް ޔޫރަޕްގައި ވިއްކަން ޖެހެނީ ވަރަށް އަގު ބޮޑުކޮށެވެ. އެހެން ނަމަވެސް މޮރިޝަސް ފަދަ ގައުމުތަކުން ޑިއުޓީއަކާ ނުލައި ޔޫރަޕަށް މަސް ފޮނުވޭތީ އާއި އެ ގައުމުން ބާނާ މަސް ޔޫރަޕްގެ ގިނަ ގައުމުތަކުން ގަންނަމުން ދާތީ ރާއްޖެ އިން ބާނާ މަހުގެ ބައެއް މޮރިޝަސްގައި ބަންދުކޮށް، ޔޫރަޕަށް ފޮނުވަން އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އަމްރު ވިދާޅުވީ ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ލިބޭނީ ބާނާ ހުރިހާ މަހެއް ދަޅުގައި ބަންދުކޮށްގެން ކަމަށާއި އެހެންނަމަވެސް ފެލިވަރުގައި ބަންދު ކުރެވެނީ ދުވާލަކު އެންމެ ގިނަވެގެން 50 ޓަނު ކަމަށެވެ. އަދި އެއީ ދުވާލަކު ދެތިން ދޯނިން ބާނާ އަދަދު އެކަނި ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިފްކޯއަށް ކިރުވާ މަހުގެ ބޮޑު އަދަދެއް ރޯމަހުގެ ގޮތުގައި ޒަމާނުއްސުރެ ބޭރު ކުރަމުން ދަނީ ތައިލެންޑަށް ކަމަށާއި އެހެން ނަމަވެސް ތައިލެންޑަށް ބޭރުކުރާ މަސް ކިލޯއަކަށް ލިބެނީ މަސްވެރިން އަތުން ގަންނަ އަގަށް ވުރެ ކުޑަ އަގެއް ކަމަށެވެ. އަދި އެކަން ބަދަލުކުރުމަށްޓަކާ ފެލިވަރު އަދި ކޫއްޑޫ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއު ފެށިފައިވާ ކަމަށާއި ނަމަވެސް އާ ފެކްޓްރީ އެޅެންދެންވެސް ގެއްލުމުގައި ތައިލެންޑަށް ނުވިއްކާ ވާނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

އިތުރަށް އަމްރު ވިދާޅުވީ ފެލިވަރުގަ ބަންދުކޮށްފައި ބާކީ ހުންނަ މަސް މޮރިޝަސްއަށް ގެންގޮސް އެ މަސް މިފްކޯއިން ދަޅުގައި ބަންދުކޮށް ޔޫރަޕަށް ބޭރުކުރުމުން ރަނގަޅު އަގެއް ލިބޭނެ ކަމަށެވެ.