ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނިކޮށްފިއެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނި ކޮށްފައި ވަނީ އިއްޔެ ހަވީރު ރާޖަސްތާންގެ ސިކްސް ސެންސެސް ބަރްވާރާ ފޯޓް ރިސޯޓުގައެވެ.
ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ބޭއްވި މި ކައިވެނި ހަފުލާގައި ފޯނު ބޭނުން ނުކުރުމަށް ހަފުލާގެ ބައިވެރިންނަށް އިރުޝާދު ދީފައިވީ ނަމަވެސް، ކައިވެނީގެ ބައެއް ފޮޓޯތައް ވަނީ ވަގުތުން ލީކުވެފައެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ވިކީ އަދި ކެޓްރީނާ ވަނީ ރަސްމީކޮށް ކައިވެނީގެ ފޮޮޓޯތައް ހިއްސާކޮށްފައެވެ. ކެޓްރީނާ ރަތް ކުލައިގެ ލެގެންގާ އެއް ލައިފައި ހުރި އިރު ވިކީ ހުރީ ކްރީމް ކުލައިގެ ސޭރްވާނީއެއް ލައިގެންނެވެ.
މި ކައިވެންނަށް އެތައް ހަރަދެއް ކޮށްފައި ވާއިރު ރިޕޯޓުތަކުން ބުނާގޮތުގައި އެދެތަރިންގެ ކައިވެނީގެ ކޭކުގެ އަގަކީ 4 ލައްކަ ރުޕީސްއެވެ. އިޓަލީގެ ޝެފެއް ތައްޔާރުކުރި މި ކޭކަކީ ނޫ ކުލަ އަދި ހުދުކުލައިގެ ފަސް ބުރީގެ ކޭކެވެ.
ވިކީ އަދި ކެޓްރީނާގެ ކައިވެންޏަށް ގާތްގަނޑަކަށް 120 މީހުންނަށް ދައުވަތު ދީފައިވާއިރު އޭގެ ތެރޭގައި ބޮލީވުޑު އިންޑަސްޓްރީގެ ބައެއް ފަންނާނުން އަދި އެމީހުންގެ އާއިލާ އަދި ގާތް ރަހުމަތްތެރިން ހިމެނެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން މީގެ ކުރި ބުނާގޮތުގައި އެދެމީހުންގެ ހަނިމޫނަށް އައުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށެވެ. ނަމަވެސް މިހާރު ދެމީހުން ހަނިމޫނަށް އެއްވެސް ތަނަކަށް ދާން ނިންމާފައި ނުވާ ކަމަށް ހަބަރުތަކުން ބުނެއެވެ.