ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގާނޫނީ ގޮތުން ލިބިފައިވާ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ބާތިލް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުން ކުށްވެރިކޮށް އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން މިހެން ބުނީ، އެ ކޯޕަރޭޝަނަށް ލިބިފައިވާ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއް ގައެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ބިމަކީ، އެޗްޑީސީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްް ކަމަށެވެ. ގާނޫނީ ގޮތުން އެ ކޯޕަރޭޝަނަށް ހުޅުމާލޭގެ ބިިމުގެ މިލްކުވެރިކަން ލިބިފައިވާ އިރު، އެ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނު އަސާސީގައި، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ހަމައެއާއެކު، ބިމުގެ ރަޖިސްޓަރީގައި ބަޔާން ކޮށްފައިވާ ގޮތުގައި ބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާން ވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫން ގޮތަކަށް ބާތިލު ކުރެވޭނެ ހައްގެއް ނޫން ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރި ކަމާއި އެ މިލްކުވެރި ކަމާ ގުޅިގެން އެ ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހާ ހައްގުތައް ލިބިގެންވާ އިރު، ގާނޫނުތަކާ ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެއެވެ.
އެޗްޑީސީ އަކީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ގާނޫނީ ގޮތުން މުދާ މިލްކު ކުރުމުގެ ހައްގު ލިބޭ ކުންފުންޏެކެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާ ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެން ވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެ ތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައި އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިން ވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެޗްޑީސީގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްދީފައެވެ.
ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް ބަލާ އިރު، ބިމުގެ މިލްކުވެރި ކަމަކީ ބިމުގެ ވެރިފަރާތަށް އެ ބިމާއި ގުޅިފައިވާ އެންމެހާ މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައި ވުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހަމަ އެ ގާނޫނުން އެނގިގެން ދަނީ ދިވެހިރާއްޖޭގައި ވަކި އެކަކަށް ބިމުގެ ގާނޫނީ މިލްކުވެރި ކަން ލިބިފައިވާ ކަން އަންގައިދޭ ގާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީ ކަމާއި ބިމާބެހޭ ގާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށް ދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލު ކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ.
ގާނޫނު އަސާސީގެ ދަށުން ވެސް، އަމިއްލަ މުދަލަކީ ގާނޫނު ހުއްދަ ނުކުރާ ގޮތަކަށް ނިގުޅައިގަނެގެން ވާނޭ އެއްޗެއް ނޫން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެ ފަރާތުގެ ރުހުން ނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައި ވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް އެޗްޑީސީން ބުނެއެވެ.