ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޖައްރާފާ 2 އިން މި މަހު 7 ވަނަ ދުވަހު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓިސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ފެލިވަރުގެ 6 ހެކްޓަރުގެ ބިން ހިއްކުމާއި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫގެ އަގަކީ 113.39 މިލިއަން ރުފިޔާއެވެ. އަދި އެ މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.