ކޮވިޑުން ދިފާއުވުމަށްޓަކައި މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުން ނުކުރާނެ ކަމަށް، އެޗްޕީއޭގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން ރަށްރަށުގައި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުންނުކުރާނެ ކަމަށާއި، ފައިޒާ ވެކްސިންގެ މުއްދަތު ވަނީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން އިތުރުކޮށްދީފައި ކަމަށެވެ.

ވެކްސިންގެ މުއްދަތު ހަމަވާ ތާރިހު ކަނޑައެޅުމާ ގުޅޭގޮތުން ސިއްހަތާ ބެހޭ ޖަމިއްޔާއިން ގައިޑްލައިނެއް ނެރެފައިވާއިރު، އެއާ ގުޅިގެން ރާއްޖޭގައި ކޮވިޑާ ދެކޮޅަށް ބޭނުންކުރާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރުކުރުމަށްޓަކައި ދިރާސާކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރުގެ ފަހުކޮޅު ބުނެފައެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަމުންދަނީ ފައިޒާއެވެ. މިދިޔަ މަހުން ފެށިގެން ސިއްހީ ހިދުމަތްތެރިންނަށާއި ބަލިމީހުންނަށް ފައިޒާ ވެކްސިން ޖަހަން ފަށާފައިވާއިރު، މިމަހުން ފެށިގެން އާންމުންނަށް ފައިޒާ ވެކްސިން ދޭ ގޮތަށް ވަނީ ނިންމާފައެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 364،814 މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ޖަހާފައިވަނީ 16،513 މީހުންނެވެ.