އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ހިންގާ އިމާރާތުގެ އޮޑިޓެއް ހަދަން ފަށައިފިއެވެ.
އަރަބިއްޔާ ސުކޫލު އިމާރާތުގައި ބޮޑެތި ރެނދު އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޮޑިޓް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް ވިދާޅުވީ އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ އޮޑިޓެއް ހަދަން ނިންމާފައި ވަނީ އެ އޮފީހުގެ އަމިއްލަ އިސްނެގުމަކުން ކަމަށާއި މިގޮތުން މިހާރު ކުރިއަށްދަނީ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.
ނަސީމް އިތުރަށް ވިދާޅުވީ މި އޮޑިޓް ހަދާ ނިމޭ ތާރީހެއް ބުނަން އަދި ނޭންގޭ ކަމަށާއި މަސައްކަތް ނިމުމުން ފާހަގަވާ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
އެމައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ވެސް ގާތުން ބަލަމުންދާއި އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރުު ޑރ. އައިޝަތު އަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ބޮޑެތި ރެނދުތައް ހުރިކަން މިނިސްޓްރީގެ ސަމާލުކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިސްފައިވާ ކަމަށެވެ.
ސްކޫލުގެ ހާލަތު ފެނި އިންޖިނިއަރުން ލައްވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އިންސްޕެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި ވަގުތުން ވަގުތައް ކުރަން ޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިގެން ކަމަށް ލަފާ ދީފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އަދި ދަރިވަރުންނަކަަށް ގެއްލުމެއް ނެތް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްޓްރަކްޗަރަލް އެސެސްމަންޓް އަންނަ ސްކޫލު ބަންދުގައި ހެދޭނެ ގޮތަށް ރާއްވަވާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދާދި ފަހުން އާންމުވެފައި ވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސުކޫލުގެ އިމާރާތުގެ އެކި ތަންތަނުގައި ވަނީ ރެނދު ލައިފައެވެ.
އިމާރާތުގެ ގިނަ ތަނބު ތަކުގައި ރެނޑުލާފައި ވާއިރު ބައެއް ރެނޑުތައް ލާފައި ހުރި ތަންތަނަށް އަތްތިލަ އެއްކޮށް ވަންނަހާ ފުޅަލެވެ. މީގެ އިތުރުން ސުކޫލް އިމާރާތުގެ ބައެއް ތަންތަނުން ފެން ލީކުވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.