އެންމެ ހައި ރިސްކު މީހުންނަށް ޖަހަން ފަށާފައިވާ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް 16،500 އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 663 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 276 ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު އަތޮޅު ތެރެއިން 387 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކަމަށާއި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށް އެކަންޏެވެ.

މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 50 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުނަށެވެ،

ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް 396،004 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 354،814 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.