މިދިޔަ މަހުގެ 16 ވަނަ ދުވަހު ރޭ ނިކަގަސްމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފައި ޗިސްވެ ބުރިކޮށްލި އުމުރުން 47 އަހަރުގެ މަރިޔަމް ޝަހީދާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

އެކްސިޑެންޓުގައި ޝަހީދާގެ ވާއަތުފައި ޗިސްވި އިރު އެ ފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ވަނީ ރެނދުލާފައި ކަމަށާއި އެތަން ހުރީ ވަކިވާ، ނުވާ ވަރުގައި ކަމަށް އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ޝަހީދާގެ ތައްޔަށް ދަތްޕިލަ ވަދެ، ބައެއް ދަތްތައް ހަލާކުވެ، ނެއްޓިފައި ވާއިރު އަތުގެ ކަށިތަކުގައި ވެސް ރެނދުލާފައި ހުރި ކަމަށް ބުންޏެވެ. އަދި ލޭ މަނާނުވުމުން، އިތުރު ގޮތެއް ނެތުމުން އެރޭ ޝަހީދާގެ ވާއަތުފައިގެ ކަކުލު ހުޅަށް ވުރެ މަތިން ވަނީ ބުރިކޮށްލާފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޝަހީދާގެ ކޮއްކޮ ބުނީ ފައި ބުރިކޮށްލުމަށް ފަހު އެޅި ބޭސް ގަނޑު އިއްޔެ ނަގާފައިވާ ކަމަށާއި އުކުޅު ވަޅުގެ އޮޕަރޭޝަން މިދިޔަ ނޮވެންބަރު 25 ވަަނަ ދުވަހު ކޮށްފައިވާ ކަމަށެވެ. އަދި ޝަހީދާ އެމްއާރްއައި ހަދާފައި ވާއިރު އާއިލާއިން ވަނީ އިތުރު މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބުނެފައެވެ.

ޝަހީދާގެ ވާއަތުފައިގެ އުކުޅުވަޅުގެ އޮޕަރޭޝަނަށް 6 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވިކަން ފާހަގަ ކޮށް އޭނާގެ ކޮއްކޮ ބުނީ 6 ބޯލްޓް ޖަހާފައިވާ ކަމަށެވެ. އަދި 6 ނުވަތަ 8 މަސް ދުވަސް ފަހުން އެ ބޯލްޓްތައް ނެގުމަށް ފަހު ފައެއް ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ޝަހީދާގެ ކޮއްކޮ ވަނީ ބުނެފައެވެ. އަދި އަނގަޔަށް ލިބުނު މައްސަލައަށްވެސް ހައްލެއް ލިބިފައިވާ ކަމަށް ވެސް ކޮއްކޮ ވަނީ ބުނެފައެވެ.

ޝަހީދާގެ ކޮއްކޮ އިތުރަށް ބުނީ މިހާރު ފުރޮޅުލީ ގޮނޑީގައި ބައިންދައިގެން ފިޒިއޮތެރަޕީ ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ގޮނޑީގައި އުދަނގުލަކާ ނުލައި އިނދެވެން ފެށުނުހާ އަވަހަކަށް ގެޔަށް ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މިހާރު ޝަހީދާގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން އޭނާގެ ކޮއްކޮ ބުނީ މިހާރު ކުރިއެކޭ އެއްގޮތަށް ވާހަކަދައްކާ ކަމަށާއި އެހެންނަމަވެސް ނިދީގައި ބައެއް ފަހަރު އެކްސިޑެންޓްވި މަންޒަރު ފެނި ހަޅޭލަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ހާލު އަންނަނީ ރަނގަޅު ވަމުން އެހެންނަމަވެސް ކުރިޔާ އެއްވަރަށް ފިޓެއް ނުވާނެއެެއްނު"
ޝަހީދާގެ ކޮއްކޮ

އެކްސިޑެންޓްވި އިރު ޝަހީދާއަކީ 18 އަހަރުން މަތީގެ ދެ ފިރިހެން ކުދިންނާއި 11 އަހަރުގެ ފިރިހެން ކުއްޖަކު ހުންނަ އެކަނިވެރި މައެކެވެ. އެހެންނަމަވެސް އޭނާ ދިޔައީ މި ޑިސެންބަރު ނުވަތަ ޖެނުއަރީ މަހުގެ ތެރޭގައި ކައިވެންޏެއް ކުރުމަށް ތައްޔާރު ވަމުންނެވެ.

ޝަހީދާ އަށް އެންމެންގެ ހެޔޮ ދުއާއާއި އެހީ ބޭނުންވެއެވެ.

އެކަންޓުން ނަން: މަރިޔަމް ޝަހީދާ

އެކައުންޓް ނަމްބަރު (ރުފިޔާ): 7704261584101

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ މަރިޔަމް ޝަހީދާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.