ރާއްޖެއަށް މިހާރު ދަތުރުތައް ކުރަމުން އަންނަ ބައިނަލްއަގުވާމީ އެއާލައިންތައް އެއް ހަމައެއްގައި ރެގިއުލޭޓު ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި އެކުލަވާލާ މި ގަވާއިދު އާންމުކުރުމަށް މަސައްކަތްތައް ކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ މި ގަވާއިދު އާންމުކުރުމަށްޓަކައި ކުރަމުންދާ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"ރާއްޖެއަށް އޮޕަރޭޓް ކުރާ ބައިނަލްއަގުވާމީ އެއާލައިންތައް އެއްހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓް ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފޮރިން އޮޕަރޭޓާސްގެ ނަމުގައި ގަވާއިދެއް ސިނާއަތުގެ ބައިވެރިންގެ މަޝްވަރާއާއި ހިޔާލާއެކު އެކުލަވާލައި އާންމު ކުރުމުގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުޙަލާގައި." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމުގެ މަސައްކަތްތައް މިއަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެގޮތުން ރާއްޖޭން އިހްތިޔާރުކޮށްފައިވާ ވިލާތުގެ ސޭފްޓީ ރެގިއުލޭޝަން ސްޓްރަކްޗަރާ އެއްގޮތްވާ ގޮތުގެ މަތިން، އެއާވާދިނަސްގެ ދާއިރާއިން ގާއިމް ކުރެވިފައިވާ ގަވާއިދުތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާނެ ކަމަސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މައިގަނޑު އަމާޒަކަށްވީ ކޮވިޑުގެ ކުރިން އޮތް ހާލަތަށް ރުޖޫއަވެ، އިތުރު ކުރިއެރުން ހޯދުން ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރުކޮށް، އެއާޕޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަ. އެގޮތުން، އޭޕްރަންއަށް މުޅިން އަލަށް ބައިތަކެއް އިތުރުކޮށް، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރުވަނީ ބޭނުން ކުރަންފަށާފައި." މިނިސްޓަރު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމަށް ހުއްދަދިނުމުގެ ޕްރޮގްރާމްގެ މަސައްކަތުގެ ދެވަނަ ފިޔަވަހި، އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ފަށާފައިވާނެ ކަމަށެވެ.