2022 ވަނަ އަހަރު ޗައިނާގައި އޮންނަ ވިންޓާ އޮލިމްޕިކްސްއަށް އެމެރިކާ ސަރުކާރުގެ އެއްވެސް އޮފިޝަލެއް ނުދާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ވައިޓްހައުސްއިން ބުނީ ޗައިނާގައި އޮންނަ ވިންޓާ އޮލިމްޕިކްސްއަށް އެގައުމުގެ ސަރުކާރުން ވަފުދެއް ނުދާނެ ކަމަށެވެ. އެމެރިކާ ސަރުކާރުން ބުނީ މިގޮތަށް އެގައުމުން ނިންމީ ޗައިނާގައި ހިންގާ އިންސާނީ ހައްގުތަކާ ހިލާފު ކަންކަން ކުށްވެެރިކުރުމުގެ ގޮތުން ކަމަށެވެ.

މިގޮތުުން، ޗައިނާގެ ވީގުރޫ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި ހިންގަމުން އަންނަ ޖަރީމާތަކާއި އެގައުމުގައި އިންސާނީ ހައްގުތައް ނިގުޅައިގަނެ ހިންގަމުން އަންނަ އެހެން ޖަރީމާތައް ކުށްވެރި ކުރުމުގެ ގޮތުން ޗައިނާގެ އޮލިމްޕިކްސަށް އެމެރިކާގެ ޑިޕްލޮމެޓުން ނުފޮނުވުމަށް ނިންމީ ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާއިން ބުނީ އޮލިމްޕިކްސްއަށް ޑިޕްލޮމެޓުން ނުފޮނުވި ނަމަވެސް އެމެރިކާގެ ކުޅުންތެރިން އޮލިމްޕިކްސްގައި ބައިވެރިވާނެ ކަމަށާ ރައީސް ޖޯ ބައިޑަންގެ ފުރިހަމަ ތާއީދު އެތްލީޓުން އެބައޮތް ކަމަށެވެ.

އެމެރިކާގެ މިނިންމުމާ ބެހޭ ގޮތުން ޗައިނާއިން ބުނީ މިއީ ސިޔާސީ އުކުޅެއް ކަމަށާ މިކަމުގެ ސަބަބުން ޗައިނާގައި ކުރިއަށްދާ އޮލިމްޕިކްސްއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ ވިންޓާ ގޭމްސް ބެލުމަށް އެމެރިކާގެ އެއްވެސް ސިޔާސީ ފަރާތަކަށް ދައުވަތު ދީފައި ނުވާނެ ކަމަށާ ޑިޕްލޮމެޓިކް ބޯއިކޮޓެއްގެ ބޭނުމެއް ނުވިސްނޭ ކަމަށެވެ.