ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓު މުއްދަތް ހަމަވެފައި އޮތުމުން ހިފެހެއްޓުމުގެ އަމުރު ނުދޭ ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް ދައުލަތުން އެދިފައި ވަނީ ރ. ފުއްގިރި މައްސަލައިގައި މިދިޔަ މަހު 30 ވަނަ ދުވަހުއެވެ. އެ ދުވަހު ހަތް ދުވަހުގެ އަމުރެއް ނެރުނު އިރު އެ އަމުރުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައެވެ. ޔާމިންގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނުދޭން ނިންމުމަށް ފަހު ކްރިމިނަލް ކޯޓުަގައި އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރު ނުދިން ކަމުގައި ވީ ނަމަވެސް ޔާމީން ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެ އަމުރަށް އެދެވިދާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއް ކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަތުމުގެ ހެކިވެސް ހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ހެއްކެއްގެ ގޮތުން ދައުލަތުން ހުށަހެޅީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ފިއްލަވައިގެން އެއް ފަހަރު ރާއްޖެ ދޫކޮށް ވަޑައިގެންފައިވުމެވެ.

މި މައްސަލައިގައި މިއަދު ހެނދުނު ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ މައްސަލައާ ގުޅޭ ލިޔުންތައް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެހެންވެ ތައްޔާރުވާން ވަގުތު ބޭނުންވާނެ ކަމަށެވެ. އެކަން ދިރާސާ ކުރަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އެދުމުން ދައުލަތުން ވަނީ އެއީ ކުރިން ވެސް ފުލުހުން މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަކަށް ވާތީ މިކަމުގައި އާ ކަންތައްތަކެއް ފާހަގަކޮށްފައި ނުވާތީ މިއަދު ގޮތެއް ނިންމުމަށް އެދިފައެވެ.

އެގޮތުން މިއަދު 4 ޖެހިއިރު މި މައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ޝިޔާޒު ވިދާޅުވީ ޔާމީންގެ ޕާސްޕޯޓު މުއްދަތު ހަމަވި ތާރީހަކީ ޖެނުއަރީ 26، 2021 ކަމަށާއި އޭގެ ފަހުން ޕާސްޕޯޓެއް ހައްދަވައިފައި ނުވާ ކަމަށެވެ. އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރުގައި ވާ ދެވަނަ ޕާސްޕޯޓަކީ އިމިގްރޭޝަން ބެލުމުގެ ދަށުގައި އޮންނަ ޕާސްޕޯޓެއް ކަމަށާއި އެއީ ޔާމީނަށް ދޫކޮށްފާ އޮންނަ ޕާސްޕޯޓެއް ނޫން ކަމަށް ޝިޔާޒު ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ އަތްޕުޅުގައި "ވެލިޑު" ޕާސްޕޯޓެއް ނެތް ކަން ފާހަގަ ކުރައްވާ ޝިޔާޒު ވިދާޅުވީ ޕާސްޕޯޓު ހިފަހެއްޓުމަށް ދައުލަތުން އެދުމަކީ އެކަމުން ގާނޫނީ އެއްވެސް ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އޮތް ޕާސްޕޯޓުވެސް ވަނީ މުއްދަތުހަމަވެފާ. އެހެންކަމަށްވާއިރު މި ވަގުތު މި އަމުރު ނެރެންޖެހޭ އެއްވެސް ގާނޫނު އަސާސެއް ނެތް އަދި އަމުރު ނެރެގެން ހާސިލްވާނެ އެއްވެސް ގާނޫނީ ނަތީޖާއެއްވެސް ނެތް"
ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު

ޕާސްޕޯޓު ހެދުމަށް ހުށައަޅަނީ ދައުލަތަށް ކަމަށާއި މިފަދަ އަމުރެއް ނެރެން ޖެހޭ ފަދަ ކަމެއް ނުފެންނަ ކަމަށް ޝިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަކީ ޕީޖީއާއި ފުލުހުން ގުޅިގެން ސިޔާސީ ގޮތުން ކުރާ ޖެއްސުމެއް ކަމަށް ޝިޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވަނީ ރައީސް ޔާމީނަކީ މިހާރު މިނިވަނެއް ކަމުގައި ވާތީ ބޭނުންފުޅުވާ ވަގުތެއްގައި ޕާސްޕޯޓު ހެއްދެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ޕާސްޕޯޓު ދޫނުކުރަން އިމިގުރޭޝަންގެ މައްޗަށް އަމުރު ކުރެވިދާނެ ކަމަށްވެސް ދައުލަތުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ އަރިހުގައި ދެންނެވިއެވެ.

ދައުލަތުން އެފަދައިން ބުނުމާ ގުޅިގެން ޝިޔާޒު ފާހަގަ ކުރައްވާފައި ވަނީ ރައީސް ޔާމީން ފިއްލަވަފާނެ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށާއި އެމަނިކުފާނު މިހާތަނަށް ފުރާވަޑައިގަތުމަށް ކުރެއްވި ކަމެއްވެސް ދައުލަތަށް ބުނެނުދެވުނު ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ މީހެއްގެ ޕާސްޕޯޓު ހިފަހެއްޓުމަށް އެ މީހަކު ފުރައިފާނެ ކަމުގެ މައްޗަށް ހެކި ހުށަހަޅަން ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީނު ފުރުއްވުމަށް ނުވަތަ ފިއްލެވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ރައީސް ޔާމީނުގެ މައްޗަށް އަމުރެއް ނެރުމަށް ދައުލަތުން ކުރާ މަސައްކަތަކީ ވަރަށް ބޮޑަށް ސިޔާސީ ގޮތުން ދުއްތުރާ ކުރުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް ޖަމީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ 2019 ގެ ކުރީކޮޅުން ފެށިގެން އެ އެ އަހަރު ނޮވެމްބަރުގެ 28 ހާ ހިސާބަށް ކުރިއަށް ގެންދިޔަ އިރު ޝަރީއަތުގެ އަޑުއެހުންތައް ފާހަގަ ކުރައްވާ އެ ދިގު މުއަދަތު ތެރޭގައި ޕީޖީއަށް އަދި ޝަރީއަތުގެ މަޖިލީހަށް އެމަނިކުފާނު ފުރައިވަޑައިގަންނަވަން މަސައްކަތެއް ކުރިކަން ފެންނަން އޮތްތޯ އަދި އޭރު ކޯޓަށް ހާޒިރުވެވަޑައިގަންނަވަމުން ގެންދެވީ މިނިވަނެއްގެ ގޮތުގައި ހުންނަވައިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

ދައުލަތުން ވަނީ އެ ޕާސްޕޯޓުތަކުގެ މުއްދަތު ހަމަވެފައިވާ ކަން އެނގޭ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ގާޒީ އަހުމަދު ޝަކީލް ވަނީ ބާތިލް ވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް ހުށައެޅުމަށް ދައުލަތަށް އޮތް ގާނޫނީ ހުއްޖަތަކީ ކޮބާތޯއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ މި އަމުރު ނެރުމުގެ މަގުސަދަކީ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ މީހާ ރާއްޖެއިން ފުރުން މަނާކުރުން ކަމަށާއި އެ މަގުސަދު އެ ހާލަތުގައި ހާސިލް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ.

މި މައްސަލާގައި ޖޫން 28، 2020 ގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ، ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ މީގެ ދެއަހަރު ކުރިން ނޮވެމްބަރު 28 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނުވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.