އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާގެ މައްސަލައިގައި ދައުލަތުންނާއި ދިފާއުން ހުށަހެޅީ ފޯޖް ލިޔުންތަކެއް ކަމަށް ތުހުމަތު ކޮށްފިއެވެ.

ރިޒާގެ މައްސަލައިގައި ދިފާއުވުމަށް ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ދައުލަތުން ވަނީ ކްރިކް ރިޒާ ދިފާއު ވާން ހުށަހެޅުއްވި ވިޔަފާރީގެ ބައެއް ލިޔެކިއުންތައް ހެކީގެ ގޮތުގައި ބަލައި ނުގަތުމަށާއި ހުށަހަޅަން ފުރުސަތު ނުދިނުމަށް އެދިފައެވެ. އޭ އެންޑް އޭ ކިޔާ ކުންފުންޏަކާ އެކު، 1.5 މިލިއަން ޑޮލަރުގެ ސައްހަ ވިޔަފާރިއެއް ކުރިކަން ސާބިތު ކުރަން ރިޒާ ހުށަހެޅި ވިޔަފާރީގެ ލިޔެކިއުންތަކަކީ އޮޅުވާލައިގެން ފޯޖުކުރި ލިޔެކިއުންތަކެއް ގޮތުގައި ސިފަ ކުރެއްވިއެވެ.

ތިން އަތޮޅެއްގެ ރަށްތަކާ ގުޅޭ ކޮންސަލްޓެންސީ ރިޕޯޓް ތައްޔާރުކުރުމުގައި ގޯހެއް އުޅޭ ކަމަށް ދައުލަތުން ބުނެފައި ވެއެވެ. އެއީ އެ ރިޕޯޓް ތައްޔާރު ކުރުމުގައި އިސް ދައުރެއް އަދާ ކުރީ ރިޒާ ކަމަށް ވާއިރު، ރިޒާ ހުށަހެޅި އިންވޮއިސްތަކުގައި ދަތުރު ކުރި ތާރީހުގައި އެސްޓީއޯގެ ވަޒީފާއަށް ވެސް އޭނާ ހާޒިރުވެފައިވާ ކަމަށް ދައުލަތުން ބުނެއެވެ. މީގެ އިތުރުން 1.5 މިލިއަން ޑޮލަރަށް ކޮންސަލްޓެންސީ ރިޕޯޓް ތައްޔާރު ކުރި އަގަކީ ރ. ފުއްގިރީގެ އެކިއުޒިޝަން ކޮސްޓްއަށް ވުރެ ވެސް ބޮޑު އަގެއް ކަން ދައުލަތުން ބުނެއެވެ. އަދި އެ ވިޔަފާރީން ޖީއެސްޓީ ވެސް ދައްކާފައިނުވާ ކަން ދައުލަތުން ބުނެއެވެ.

މިކަމަށް ރައްދު ދެއްވަމުން ދިފާއުން ބުނީ، ޖީއެސްޓީ ދައްކަން ޖެހެނީ މެދުނުކެނޑި ކުރާ ވިޔަފާރިތަކުގައި ކަމަށާއި، މިއީ ދުވަސްވަރެއްގެ ވިޔަފާރިއެއް ކަމުން ޖީއެސްޓީ ނުދެއްކިއަސް ވިޔަފާރީ މުއާމަލާތް ބާތިލްވާނެ ގާނޫނީ ނުކުތާއެއް ނެތް ކަމަށެވެ. ފޯޖް ލިޔެކިޔުންތަކެއް ހުށަހެލީ ކަމަށް ދައުލަތުން ބުނުމުން ދިފާއީ ވަކީލުވެސް ވަނީ ދައުލަތުން ވެސް ވަނީ ފޯޖް ލިޔުންތަކެއް ހުށަހަޅާފައި ކަމަށް ތުހުމަތު ކޮށްފައެވެ، އެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސިޓީތަކެއް ކަމަށް ބުނާ ސިޓީތަކުގައި މިނިސްޓްރީގެ ލެޓާހެޑް އަދި ތައްގަނޑު ވެސް ފެންނަން ނެތް ކަން ދިފާއީ ވަކީލުން ފާހަގަ ކުރިއެވެ.

މި ހުށަހެޅުން ތަކާ ގުޅޭ ގޮތުން މައްސަލަ ބެއްލެވި ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަކި ގޮތެއް ނުނިންމަވައެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ.ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި އަހްމަދު ކްރިކް ރިޒާގެ މައްޗަށް ދައުވާ ތައް އުފުލާފައި ވަނީ މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތު ކޮށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން މަނީ ލޯންޑަ ކުރި ކަމަށް ތުހުމަތު ކޮށް އުފުލާފައިވާ ދައުވާއެކެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން، ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާ އަދި ސަންގެ ދެ ކުންފުންޏަށް ވެސް ދެ ދައުވާއެއް އުފުލާފައިވެއެވެ.