މި ދިޔަ ނޮވެންބަރު 29 ވަން ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
މި ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި، ރޭޕް ކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލު ކަނޑައަޅައި ބަޔާން ކޮށްފައި ވެއެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށަށް މިވަނީ އިސްލާހު ގެނެސްފައެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.
އެ ގާނޫނުގައި ބުނާ ގޮތުގައި ވިކްޓިމްގެ އަންނައުނުން ސާމްޕަލްއަކާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ޖެހޭނެއެވެ. އެއީ ލެއާއި ކުޑަކަމުދާ ތަކެތިންނާއި ނިޔަފައްޗާއި ނިޔަފަތީގެ ދަށުންނާއި ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުންނާއި އަނގައިގެ އިތުރުން އިސްތަށިތަކުންނެވެ.
އެ ބިލުގައި ބުނާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަނަކަށް ވިކްޓިމްއަކު ގޮސްފިނަމަ ވަގުތުން ސޯޝަލް ސާވިސް ޑިޕާޓްމަންޓްއަށް އަންގައި ލަސްނުކޮށް ސާމްޕަލްތައް ނަގަން ޖެހެއެވެ. އެ ގޮތަށް އަމަލު ނުކުރުމަކީ ކުށެއް ކަމާއި އޭގެ އަދަބަކީ އެއް އަހަރާއި ތިން އަހަރު ޖަލު ހުކުމެއް ކަމަށް ވެސް ބިލުގައިވެއެވެ.
ގާނޫނަށް އަމަލު ކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށާއި އަދި ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތައް އަގު ނަގައިގެން ނުވާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.
ޖިންސީ ކުށުގެ ގާނޫނަށް (ގާނޫނު ނަންބަރު 2014/17) އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެހެންކަމުން މި ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.