ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2014/19) އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މި އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާ އިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުރި ބައެއް ނަންބަރުތައް އުނިކުރުމަށް ހުށަހަޅާފައިވެއެވެ. މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން ހުރި ނަމްބަރުތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކު ރުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މައުލޫމާތުތަކެވެ.

މީގެ އިތުރުން މި ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ)ގައި، މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރެޖިސްޓްރީ ކުރެވޭނެ މުއްދަތު ކަމަށް ބަޔާންކޮށްފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތު މި އިސްލާހުގައި 10 އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ގާނޫނުގައި ދީފައިވާ މުއްދަތު 90 ދުވަހުން، އެއް އަހަރު ދުވަހަށް އިތުރުކޮށްފައި ވެއެވެ.

މި ގާނޫނަށް ގެނެވުނު އިސްލާހުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ހާލަތެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2014/19) އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި މިބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2014/19) އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.