ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރާ ޑޮމެސްޓިކް ދަތުރުތަކުގައި އެއް ގަޑިއިރަށް ވުރެ ކުރު ދަތުރު ނަމަ އެއްވެސް ބުއިމެއް ނުދޭން ނިންމައިފިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމައި އާންމު ކުރި ސާކިއުލާއާ ގުޅިގެން މޯލްޑިވިއަން އިން ވަނީ މިގޮތަށް އަމަލުކުރަން ފެށިކަން އަންގާފައެވެ. ޑޮމެސްޓިކް ބައެއް ދަތުރުތަކުގެ ދިގުމިން ބައި ގަޑިއިރަށް ވުރެ ވެސް ކުރެވެ. އާންމު ގޮތެއްގައި އެއް ގަޑިއިރަށް ވުރެ ދިގު ދަތުރުތައް ކުރަނީ ރާއްޖޭން އެންމެ އުތުރާއި ދެކުނަށެވެ.
ސިވިލް އޭވިއޭޝަންގެ ސާކިއުލާގައި ވަނީ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ހަށިގަނޑުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ބެލުމަށާއި މާސްކް އެޅުމަށް އަންގާފައެވެ.
ރާއްޖެއިން ވެސް މިހާރު ވަނީ ސައުތު އެފްރިކާ އިން ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން ފެނިފައެވެ. އެހެންވެ ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށްފައެވެ.