ކޮވިޑް 19 ގެ ހާލަތުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރިވެލި އެވޯޑު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް 19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް މަޖުބޫރުވިކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއްވެސް މިންވަރެއް އުނިނުކޮށް މަހުން މަހަށް، އެހީތެރިކަން ފޯރުކޮށް ދެވުނު ކަމަށާއި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މިހާރު ތެރަޕިއުޓިކް ފަރުވާއަށް ސަލާން ޖަހަން ނުޖެޖޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެ ފަރުވާ އަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 7.2 މިލިއަން ރުފިޔާ ހަރަދު ކުރެވުނުއިރު މިއަހަރުގެ އޮކްޓޯބަރުގެ މަހުގެ ނިޔަލަށް މިހާތަނަށް 18.2 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ.

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކޮންމެ މީހަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި މުޖުތަމައެއްގެ ގޮތުގައި އުޅެވެނީވެސް އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދޭތީ ކަމަށާއި އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ މާބޮޑަށް އިސްކަން ދޭން ޖެހޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.