ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ހދ. ހިރިމަރަދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުން މިއަދު އިފްތިތާހު ކޮށްފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާގެ އިތުރުން، ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖާއި، ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހިރިމަރަދޫ އަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ 32 ޕަސެންޓު މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ.
ހިރިމަރަދޫގައި އެމްޑަބްލިއުއެސްސީން ހިންގާ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުގައި 8.06 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބަހައްޓާނެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން، އެ ރަށުގައި 5.02 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމްކުރުމާއި، 1.12 ކިލޯމީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓްފޯލް ގާއިމްކުރުން ފަދަ މަސައްކަތްތައް ހިމެނޭކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ޖުމްލަ 69.14 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރި މިމަޝްރޫއުގެ މަސައްކަތްތައް ނިމުމުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެން ދާނެ ކަމަށެވެ.
ހިރިމަރަދޫގެ އިތުރުން، އެމްޑަބްލިއުއެސްސީން އިއްޔެ ވަނީ ހއ. އަތޮޅުގެ ތިން ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތައް އިފްތިތާހު ކޮށްފައެވެ.