އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ ދެމެދުގައި ސަރުކާރުން ތަފާތު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ. ފެންފުށީ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ފެންފުށީ ކައުންސިލުން ވަނީ ރަށުގެ ތަރައްގީށް ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުންނާއި ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާއެކު ފެނުގެ ނިޒާމު ގާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުންނާއި އިތުރު 8 ކްލާސްރޫމުގެ އިމާރާތެއް ސްކޫލަށް މުހިންމު ކަން ހިމެނެއެވެ. މީގެ އިތުރުން ހެލްތު ސެންޓަރު އެހެން ސަރަހައްދަކަށް ބަދަލުކުރުން ފަދަ ކައުންސިލާއި ރައްޔިތުން ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމާއި އާ މިސްކިތަކާއި ކައުންސިލު އިދާރާގެ އާ އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރައްވާނެކަމުގައެވެ.

ފެންފުށީގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުން އަދި ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި އަދި ކައުންސިލަރުން ފާހަގަކުރި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލަރުން ފާހަގަކުރި މަޝްރޫއުތަކާއި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.