ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 11 މަހުގެ ދިވެހި ކުއްޖަކު މަރު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މަރުވީ ބޭންކޮކުގެ ވަޖީރާ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެކުއްޖާއަށް ޖެހިފައި ވަނީ "އެކިއުޓް މައިލޮއިޑް ލުކީމިއާ ވިތް ސައިކްލިކް ޕެޓާން ނިއުޓްރޯފީނިއާ" ކަމަށް އެކުއްޖާ މަންމަ ވަނީ ބުނެފައެވެ. އަދި މީގެ 5 ދުވަސް ކުރިންވެސް ހަލުވި ކަމާ އެކު އެ ބަލި ކުއްޖާގެ ހަށިގަނޑުގައި ފެތުރެމުން ދިޔަ ކަމަށް އޭނާ ބުނެއެވެ.

ކުއްޖާ މަންމަ ބުނީ ކުރިން ފަރުވާ ހޯދީ އިންޑިއާގައި ކަމަށާއި ބޭންކޮކަށް ދިޔައީ އިންޑިއާގައި 10 މަސް ވަންދެން ޑޮކްޓަރަށް ދެއްކި އިރު ތިން ޓެސްޓަކުން، ތިން ވައްތަރުގެ ކެންސަރު ހުރި ކަމަށް ދައްކާތީ އެކަން ޔަގީން ކުރުމަށް ކަމަށެވެ.

މިދިޔަ މަހު ތެރޭގައި ވެސް ކެންސަރު ބަލީގައި ކުޑަ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ. ލޭގެ ކެންސަރު ޖެހުނު އުމުރުން 13 އަހަރުގެ ދިވެހި ކުއްޖަކު މަރުވެފައިވަނީ އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.