ޗައިނާއިން ޓައިވާނަށް ހަމަލާ ދޭތަން ބަލަން ޖަޕާނާއި އެމެރިކާއިން ނުތިބޭނެ ކަމަށް ވިދާޅުވެ ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ދެއްކެވި ވާހަކަތައް ޗައިނާއިން ކުށްވެރިކޮށްފިއެވެ.
ޓައިވާންގެ ޖަމާއަތަކުން އިންތިޒާމުކުރި ވާޗުއަލް ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަބޭ ވިދާޅުވީ، ޗައިނާއިން ޓައިވާނަށް ހަމަލާ ދިނުމަކީ އެކަމުގެ ސަބަބުން ޖަޕާނުގެ ސަލާމަތް ވެސް ނުރައްކާލުގެ ތެރެއަށް ވެއްޓިގެން ދާނެ ފަދަ ކަމެއް ކަމަށެވެ.
އަދި ޓައިވާނަށް އަންނަ ކުއްލި ހާލަތަކީ ޖަޕާނަށް ވެސް އަންނަ ކުއްލި ހާލަތެއްގައި ކަމަށާ މިއީ ޖަޕާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަށް ވެސް އަންނާނެ ކުއްލި ހާލަތެއް ކަމަށް އަބޭ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޗައިނާއިން ވަނީ ޖަޕާނުން އެގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޑިއޯ ޓަރުމީ ޗައިނާގެ ހާރިޖީ ވުޒާރާއަށް ހާޒިރު ކޮށްފައެވެ.
ޗައިނާގެ ހާރިޖީ ވުޒާރާއިން ޖަޕާނުގެ ސަފީރު ހާޒިރު ކުރީ ކުއްލި ބައްދަލުވުމަކަށް ކަމަށާ މިބައްދަލުވުގައި ޗައިނާގެ އެސިސްޓަން ފޮރިން މިނިސްޓަރު ހުއާ ޗުންޔިންގް ބައިވެރިވަޑައިގެންނެވި ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި ހުއާ ވަނީ އަބޭގެ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޗައިނާއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުމާއި މުޅިން ހިލާފުވާ ވާހަކަތަކެއް ކަމަށާއި މިއީ ޗައިނާގެ ވެރިކަމުން ވަކިވެ މިނިވަންވުމަށް ޓައިވާނަށް ދެވޭ ހިތްވަރެއް ކަމަށް ވެސް ހުއާ ވިދާޅުވިއެވެ.
މިކަމަކީ ޗައިނާއިން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަމަށާ ޗައިނާގެ ސިޔާދަތުގެ ދަށުގައި އޮތް ސަރަހައްދެއް މިނިވަންވާން މިފަދަ ހާމަކޮށް ބޮޑު ގޮތެއްގައި ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ޗައިނާގެ އެސިސްޓަން ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.