މިހާތަނަށް ރާއްޖެއިން 37 ދިވެހިން އެއިޑްސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެއިޑްސް ޖެހުން 37 ދިވެހިންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި ހަ އަންހެނެކެވެ.

މީގެ ތެރެއިން 22 މީހަކަށް މިހާރު ވެސް އޭއާރްވީ ފަރުވާ ދެމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެއިޑްސް ބަލީގައި 15 މީހަކު މަރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

ހަމައެހެންމެ ބިދޭސީންގެ ތެރެއިން 450 ބިދޭސީން އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބައިނަލްއަގްވާމީ އެއިޑްސް ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ. މިގޮތުން މިއަހަރު އެއިޑްސް ދުވަހުގެ ޝިއާރަކަށް "އެންޑް އިންއީކުއެލިޓީސް، އެންޑް އެއިޑްސް" ނުވަތަ "ތަފާތުކުރުން ނައްތާލާ، އެއިޑްސް ނައްތާލާ." ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.

އެއިޑްސް ބައްޔަކީ، ހިއުމަން އިމިއުނޯ ޑެފިޝަންސީ ވައިރަސް (އެޗްއައިވީ) ގެ ޒަރިއްޔާއިން ޖެހޭ، އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. އެޗްއައިވީ ވައިރަސް އަކީ ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަހެކެވެ. މިބައްޔަށް އަދި މިހާތަނަށް ވަނީ މުޖައްރިބު ފަރުވާއެއް ނުހޯދިއެވެ. މިބަލީގެ އާހިރު ނަތީޖާ އަކީ މަރެވެ.

އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު، އެއްވެސް އަލާމާތެއް ނުފެނި، 2-7 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިމުއްދަތުގައި އެމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރެމުން ދާނެއެވެ. މިމުއްދަތު 2- 10 އަހަރަށް ނުވަތަ 12 އަހަރު ދުވަހުގެ މުއްދަތަށް ދިއުމަކީ ވެސް އެކަށީގެންވަ ކަމެއް ކަަމަށް ދިރާސާތަކުގައި އެބަހުއްޓެވެ.

އެކެއްގެ ގައިން އަނެކާގެ ގަޔަށް މި ބަލި އެރުމަށް އޮންނަނީ މައިގަނޑު 3 ގޮތެކެވެ. އެއީ ޖިންސީ ގުޅުން ހިންގުން، ލޭގެ ޒަރިއްޔާއިން އަދި މައިމީހާގެ ފުށުން ދަރިފުޅަށެވެ.