މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނިން 45،000 މެޓްރިކް ޓަނުގެ ބޯޓެއް ގެންނަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެމްއެސްއެސްގެ ދެވަނަ ބޯޓު ބޯޓު ގެނައުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

އެސްޓީއޯ އަކީ ހަމައެކަނި ކާޑުގެ ބާވަތްތައް ގެންނަ ކުންފުންޏެއް ނޫން ކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެކުންފުންޏަކީ ރާއްޖެ އަށް ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ގެންނަ ކުންފުންޏެއް ކަމަށާއި މިފަހަރު އެމްއެސްއެސް އިން ގެންނަ ބޯޓަކީ، ބޯޓުގެ ވަތަށް ތަކެތި އޮއްސާލައިގެން ގެނެވޭނެ ބޯޓެއް ކަމަށެވެ.

އެސްޓީއޯއަކީ ހަމައެކަނި ކާޑެއް ނޫން ކޮންސްޓަކްޝަން މެޓީރިއަލް ވެސް ގެންނަ ކުންފުންޏެއް. މި ފަހަރު މި ގެންނަ ބޯޓަކީ ބަލްކް ކެރިއާ ވެސެލް (ވަތަށް ތަކެތި އޮއްސައިގެން އުފުލާ) ފަދަ އުޅަނދެއް. މި އުޅަނދަކީ 45،000 މެޓްރިކް ޓަނުގެ އުޅަނދެއް. މި ބޯޓު ލިބުމުން އަޅުގަނޑުމެން ޑައިރެކްޓްކޮށް ތަކެތި ގެނެވޭނެ
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

އެމްއެސްއެސްއިން ގެނައި އެކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހުއެވެ. މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.