ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކޮށްފައިވާ ދައުވާގެ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި ނޮވެންބަރު 28، 2019ގައި ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ 5 ގާޒީންގެ ބެންޗުން ވަނީ މަނީ ލޯންޑަ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ރައީސް ޔާމިން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވާއިރު، ފުރަތަމަ ހުކުމް ކުރުމަށް އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ ނޮވެމްބަރު 5 ވަނަ ދުވަހެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށް، ހުކުމް ކޮށްފައި ވަނީ ނުވެމްބަރު 28، 2019 ގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފައިލް ފޮޓޯ: ދަ ޕްރެސް

މި މައްސަލަ ކުރިއަށް ގެންދިޔަ ގޮތުގެ ޓައިމްލައިން ތިރީގައި އެވަނީއެވެ.

ޝަރީއަތުގެ ޓައިމްލައިން: ކްރިމިނަލް ކޯޓު

މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީނަށް ސާބިތުވެފައިވާއިރު، ދައުލަތުން ވަނީ މަނީ ލޯންޑާ ކުރުމުގެ ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބު ކަމަށްވާ 5 އަހަރަށް ޖަލަށް ލުމުގެ އަދަބު ރައީސް ޔާމީނަށް ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖުރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

ތާރީހު: އޮކްޓޫބަރު 4، 2021

އޮކްޓޫބަރު 4، 2021 ބޭއްވި އަޑުއެހުމުގައި ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ޔާމީންގެ ބަންދާ ގުޅޭ ގޮތުން ކުރިން ގޮތެއް ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، ހުލާސާ ގޮތެއްްގައި ވާހަކަ ދެއްކުމަށް ދައުލަތާއި ޔާމީނަށް ގިނަ ވަގުތު ބޭނުންވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އަނެއް ދުވަހުގެ ވަގުތަކަށް އެ އަޑުއެހުން ތާވަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށާއި، ދިފާއުން ހުށަހެޅި ހެކިތައް ބަލައިގަތުމާ މެދުވެސް ގޮތެއް ނިންމާނެ ކަމަށާއި، ދެ ފަރާތުންވެސް ހުލާސާ ގޮތެއްގައި ވާހަކަ ދައްކަން ފުރުސަތު ދޭނެ ކަމަށް މަހާޒް ވިދާޅުވިއެވެ.

ތާރީހު: އޮކްޓޫބަރު 5، 2021

އޮކްޓޫބަރު 5، 2021 ދުވަހު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ފަނޑިޔަރު މަހާޒް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ގާނޫނީ އުސޫލެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް މަހާޒް ވިދާޅުވިއެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ ތާއިދު ކުރައްވާފައެވެ.

އެދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ވެސް ނެތް ކަމަށްވެސް ބުނެފައެވެ. ނަމަވެސް, އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއެކު ކޮށްފައިވާ ފަަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ވަނީ ފަސްކޮށްފައެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން މިއަދުގެ ޝައީއަތުގެ ކުރިން ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި ---

ތާރީހު: ސެޕްޓެމްބަރު 12، 2021

ސެޕްޓެމްބަރު 12، 2021ގެ އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކަފާލާތުގެ އުސޫލުން ރައީސް ޔާމީން ދޫކުރުމުގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައެވެ.

ތާރީހު: ސެޕްޓެމްބަރު 13، 2021

ސެޕްޓެމްބަރު 13، 2021ގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލު އަލީ ޝާހް ވިދާޅުވީ، ޔާމީންގެ ވަޒީރެއްގެ ގޮތުގައި ހުންނެވިއިރު ބޮޑު ހިޔާނާތެއް ހިންގައިގެން އަދީބުގެ މައްޗަށް ދައުވާ އުފުލާ ފިޔަވަޅުތަކެއް އަޅާފާވާތީ، އެ ކަމުގެ ބަދަލު ހިފުމުގެ ރޫހު އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަކީ މި ދަނޑިވަޅުގައި ޔާމީންގެ އެންމެ ބޮޑު އެއް ދުޝްމަން ގެ ގޮތުގައި ދިފާއީ ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބަކީ މި މައްސަލައިގައި އިސްތިއުނާފް ކުރެވޭ ގއ. ވޮޑެމުއްލާގެ އިކިއުޒިއަމް ކޯސްޓު ފައިސާއަށް ހިޔާނަތްތެެރިވިކަމުގެ ދައުވާ އޭނާގެ އިއުތިރާފުން އޭނާގެ މައްޗަށް ސާބިތުވެެފައިވާ މީހެއް ކަމަށާއި އަދި ވޮޑެމުއްލާގެ އިކިއުޒިއަމް ކޯސްޓު ފައިސާއަށް ހިޔާނާތްތެެރިވުމުގައި ބައިވެެރިވެ އެެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އަދީބުގެ އިއުތިރާފުން އޭނާގެ މައްޗަށް ސާބިތުވެފައިވާކަމަށް ދިފާއީ ވަކީލް ވަކީލު އަލީ ޝާހް ފާހަގަކުރެއްވިއެވެ.

އިސްލާމީ ޝަރީއާގައި ހެކިބަސް ދޭ މީހާއަކީ އަދުލުވެރިކަމުގެެ ސިފަ ކިހާ މިންވަރަކަށް ހުރި މީހެެއްތޯ ބެލުމަށް އިސްލާމީ އެންމެހާ މަޒްހަބުތަކުގެ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައި ނުވާ މިންގަނޑެއް ކަނޑައެޅިފައިވާކަންް ފާހަގަކުރައްވާ ވަކީލް އަލީ ޝާހް ވިދާޅުވީ، އެއީ ބޮޑު ފާފައަކަށް އަރައިގަނެފައިވާ މީހެެއް ނަމަ އަދުލުވެރިކަމުގެ ސިފަ ފުރިހަމަ ނުވާ ފާސިގެެއްްކަމުގައި ބެލެެވޭނެެ ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ޝަރީއަތް ސްޕްރީމް ކޯޓުގައި ކުރިއަށް ދަނީ

ތާރީހު: ސެޕްޓެމްބަރު 16، 2021

ސެޕްޓެމްބަރު 16، 2021ގައި، އެދުވަހުގެ 12:00 އާ ހަމައަށް ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ތިން ވަނަ އަޑުއެހުމެވެ. މިގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ 22 އިސްތިއުނާފީ ނުކުތާތަކެވެ.

ރައީސް ޔާމީންގެ މި ހުށަހެޅުމާއި ގުޅިގެން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވަނީ ޝަރީއަތް ކުރިއަށް ގެންދަން ރަނގަޅު ވަގުތަކީ ކޮބައިތޯ އެމަނިކުފާނުގެ ފަރާތްޕުޅުން އައްސަވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ހެނދުނު 9:00 އިން 12:00 އަށް ދުވާލަކު އެއް ސެޝަން ކުރިއަށް ގެންދަން ރަގަޅު ކަމަށެވެ.

ރައީސް ޔާމީން ހުކުމް ކުރުމަށް ކްރިމިނަލް ކޯޓަށް ވެއްދުމުގެ ތެރެއިން / ފޮޓޯ:ސޯޝަލް މީޑިއާކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ވިދާޅުވެފައި ވަނީ ބަލި ހާލަތާ ގުޅޭ ލިޔެކިޔުންތަކާ އެކު ކޯޓަށް ސިޓީއެއް ހުށަހެޅުމަށެވެ. އޭރުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އަދި ވަނީ އިސްތިއުނާފް ފޯމާއި އެކީ އިތުރު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށެވެ. އަދި ޝަރީއަތް ފަށަމުން ފަނޑިޔާރު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ބޭނުންތޯ ސުވާލުކުރައްވާފަ އެވެ. ނަމަވެސް ދިފާއުން ނިންމީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށެވެ.

ރައީސް ޔާމީނު ފުލުހަށް ހާޒިރު ކުރުމަށް ޔާމީނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ފުލުހުން ހަރަކާތްތެރިވާއިރު ޔާމީނުގެ ސަޕޯޓަރުން އެސަރަހައްދަށް އެއްވުމުން ޕެޕާ ސްޕްރޭ ޖަހަނީ

ތާރީހު: ސެޕްޓެމްބަރު 20، 2021

ސުޕްރީމް ކޯޓުގައި ސެޕްޓެމްބަރު 20، 2021ގައި ބާއްވާފައި ވަނީ މައްސަލައިގެ ހަތަރު ވަނަ އަޑުއެހުމެވެ. ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައި ވާއިރު ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އަދި އެދުވަހުގެ އަޑުއެހުމުގައި ވެސް ފަނޑިޔާރު މަހާޒު ވަނީ ނުކުތާތަކަށް ގިނަ އިރުތަކެއް ހޭދަވާތީ ހުލާސާކޮށް އަދި ތަކުރާރު ނުވާ ގޮތަށް ވާހަކަ ދައްކަވަން ޔާމީންގެ ވަކީލުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ތާރީހު: ސެޕްޓެމްބަރު 27، 2021

ސެޕްޓެމްބަރު 27، 2021ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތަށާއި ދައުލަތަށް ވެސް ވަނީ ރައްދު ދޭން ފުރުސަތު ދީފައެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އަޑުއެހުމުގައި ޔާމީން އާ ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އާ ހެކިތައް ހުށަހަޅަން ޔާމީނަށް ފުރުސަތެއް ދެވޭނެ ކަމަށެވެ.

މި ހުރިހާ މަރުހަލާއެއް އެދުވަހުގެ އަޑުއެހުމުގައި ނިންމުމަކީ ޝަރީއަތުގެ އަމާޒެއް ކަން ފާހަގަ ކުރައްވާ ފަނޑިޔާރު މަހާޒް ވިދާޅުވީ އަމާޒު ކޮށްފައިވާ ފަދައިން އަޑުއެހުން ކުރިއަށް ގެންދެވިއްޖެނަމަ، އޮކްޓޯބަރު 5، 2021 ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އޮގަސްޓް 1، 2021 ގައި އޮތް ޝަރީއަތަށް ފަހު ރައީސް ޔާމީން ގެކޮޅަށް ވަޑައިގެން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ

ތާރީހް: ނުވެމްބަރު 18، 2021

މިމަހު 18 ވަނަ ދުވަހު ބާއްވާފައި ވަނީ ޔާމީންގެ ފަރާތްޕުޅުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުމަކާ ގުޅިގެން ބައެއް ކަންކަން ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ބޭނުން ވާތީއެވެ.

އެސްއޯއެފްގެ ބޭންކް އޮފް ސްޓޭޓްމަންޓްގެ ޗެކްގެ ނަމްބަރާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަމްބަރު ދިމާނުވާ ކަމަށް ދައުލަތުގެ ވަކީލް ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފް ވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުގައި ޗެކަކީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކެއް ކަމަށާއި އެ ޗެކް އެންޓާ ކުރިއިރު ހަތަރަކާއި ފަހެއް އޮޅިފައި އޮތް ކަމަށް ދައުލަތުން ބެލި ބެލުމުން އެނގޭ ކަމަށެވެ. އެހެންނަމަވެސް ލިޔުންތަކަށް ބަލާއިރު ވެސް މިއީ އެއްމިލިއަން ޑޮލަރުގެ ޗެކް ކަން އެނގޭ ކަމަށް ތަކުރާރުކޮށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ އުފުލި އިރު މިޗެކް ދައުލަތައް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް ފަނޑިޔާރު މަހާޒް ވަނީ ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ދައުލަތައް މިޗެކް ލިބިގެން އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލިކަން ފާހަގަ ކުރައްވާފައެވެ. އެކަން ފާހަގަ ކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޒިޔަތުގެ މައްސަލަ ދިރާސާ ކުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ޔާމީންގެ މައްސަލަ ދިރާސާ ކުރި ވަކީލުން ނޫން ކަމަށާއި އެހެންވެ ޒިޔަތުގެ މައްސަލައިގައި ޗެކް ލިބިފައި އޮތްކަން ޔާމީންގެ މައްސަލަ ދިރާސާ ކުރި ވަކީލުންނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައިއެކައުންޓް ސްޓޭޓްމަންޓްގެ އެހެން ކަންކަމަށް ބަލާއިރު އެއީ އެމްސީބީގެ ޗެކެއް ކަން އެނގޭތޯ ވެސް ފަނޑިޔާރު މަހާޒް ދައުލަތާ ސުވާލު ކުރެއްވިއެވެ.

ނޮވެމްބަރު 30، 2021 ގައި ސްޕްރީމް ކޯޓުން ރައީސް ޔާމީން ވަނީ މިނިވަން ކޮށްފައި

ޝަރީއަތުގެ ޓައިމްލައިން: ސުޕްރީމް ކޯޓު

  • މިއަދުގެ ޝަރީއަތް: ނުވެމްބަރު 30، 2021

މިއަދު އޮތީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް ކުރުމެވެ. މިގޮތުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކޮށްފައި އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލް ޔަމީން ވަނީ މިނިވަން ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ކަމެވެ. ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެވެ. އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ދިޔައީ ބުނަމުންނެވެ.

މީގެ އިތުރުން، އެމަނިކުފާނަށް ޖަމާވި ފައިސާ އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ހުކުމް ކުރިޔަސް، މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއާ ހިލާފަށެވެ.

ރައީސް ޔާމީނުގެ ޝަރީއަތް 3 މަރުހަލާގައި ހިނގާ ނިމި ދިޔަ އިރު، ޕީޕީއެމް އަދި ޕީއެންސީގެ ގިނަ ސަޕޯޓަރުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެގޮޅު ކައިރިއަށާއި، އަދި ކޯޓު ސަރަހައްދަށް އެތައް ފަހަރަކު އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ.