ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމައި، މަޖިލީސް ޗުއްޓީއަށް ހިނގައްޖެއެވެ.
ކޮމިޓީތަކުން ނިންމާފައި ހުރި ގިނަ މަސައްކަތްތަކެއް ޗުއްޓީއަށް ދިޔުމުގެ ކުރިން ތަޅުމުން ފާސްކުރުމަށް، މިއަދުގެ ޖަލްސާ ވަނީ ގާތްގަނޑަކަށް 12 ގަޑިއިރަށް ކުރިއަށް ގެންގޮސްފައެވެ.
މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިރޭ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުގެ މަސައްކަތްތަކުގެ ހުލާސާއެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދައުރުގައި ޖުމްލަ 44 ޖަލްސާއެއް ބޭއްވި ތަޅުމުގައި މެމްބަރުން 112 މަސައްކަތް ކުރެއްވި ކަމަށެވެ.
އެ ވަގުތުގައި 950 ފަހަރު މެމްބަރުން ވާހަކަ ދައްކަވާފައިވާއިރު، 320 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު 331 ގަޑިއިރު އެ ބައްދަލުވުންތަކުގައި ހޭދަކުރެއްވިކަން ނަޝީދު ވިދާޅުވިއެވެ.
އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ދައުރުގެ ތެރޭގައި ޖުމްލަ 20 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމާފައިވާއިރު، އޭގެ ތެރޭގައި މިރޭ ފާސްކުރި މަދަނީ އިޖުރާއަތްތަކުގެ ބިލު ފަދަ މުހިންމު މަސައްކަތްތައް ހިމެނުނު ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރީގެ ދައުރުގައި ނުނިމި ހުރި ގަރާރުތަކާ އެކު 12 ގަރާރެއްގެ ތެރެއިން ހަތަރު ގަރާރު މި ދައުރުގައި ނިންމި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، މި ދައުރުގައި މަޖިލީހުން ކުރި ޖުމުލަ މަސައްކަތްތަކަށް ބަލާއިރު، 65.5 ޕަސަންޓް މަސައްކަތް ވަނީ ނިންމިފައެވެ. މި ނިމުނު ދައުރުގެ މަސައްކަތްތައް ރަނގަޅު ވިޔަސް، ނުނިމި ހުރި މަސައްކަތްތައް އަވަސް ކުރެއްވުމަށް ނަޝީދު މެމްބަރުންނަށް ދެންނެވިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީއާ ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް ވަނީ މަޖިލީހުގެ ގަވައިދު ވަނީ އިސްލާހުކޮށްފައެވެ. ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.