އަވަށްޓެރި އިންޑިއާއެކު ހަދާފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުން ތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިންޑިއާގެ އެއްބަސްވުން ތަކުގައި ގޯހެއް ނެތް ކަމަށް ކަނޑައަޅާފައިވާ 241 ކޮމިޓީގެ ރިޕޯޓް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.
ކޮމިޓީ ރިޕޯޓްގައި ބަޔާން ކޮށްފައި ވަނީ އިންޑިއާގެ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ވާނެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ އެއްބަސްވުން ތަކުން ދިވެހިންނަށް ފައިދާ ކުރާނެ ކަމަށެވެ.
ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން އަންގަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ މެންބަރުންގެ ވޯޓުންނެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ހުށަހެޅުންތަކަށް ދެ ހުށަހެޅުމެއް އިތުރު ކުރަން ހިމަނާފައިވެއެވެ.
ފުރަތަމަ ހުށަހެޅުމަކީ، އިންޑިއާގެ އެއްބަސްވުންތައް 241 ކޮމިޓީގެ މެންބަރުންގެ އަތަށް ދީގެން ދިރާސާކުރުމަށެވެ. މިއީ ކޮމިޓީއަށް ވެސް ހުށަހެޅުނު ކަމެކެވެ. އެހެންނަމަވެސް ކޮމިޓީން އެ ހުށަހެޅުން ފާހެއް ނުވިއެވެ. ދެވަނަ ހުށަހެޅުމަކީ ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން މަޖިލީހުން އެންގުމެވެ.
މި ހުށަހެޅުންތައް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރަކެވެ. ފާސްކުރަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވިއެވެ.
އެ އެއްބަސްވުންތަކުން ލިބިދާނެ ބައެއް ގެއްލުންތައް ކޮމިޓީގެ ހޯދުންތަކުގައި ހިމަނަން ވެސް ހުށަހަޅާފައިވެއެވެ. ކޮމިޓީ ހޯދުންތަކުގައި މައިގަނޑު ގޮތެއްގައި އޮތީ އެއްބަސްވުންތަކުގެ މުހިއްމު ކަމާއި އެއިން ލިބޭނެ ފައިދާތަކެވެ.
މިއިން ކޮންމެ ހުށަހެޅުމަކަށް ވަކިން ވޯޓަށް އަހާފައިވެއެވެ. މި ހުށައެޅުންތަކަށް ވޯޓުދީފައިވަނީ 6 މެންބަރުންނެވެ.
ޔޫޓީއެފް އެއްބަސްވުން ލޮލުން ވެސް ނުދެކި ތިބެ އޭގައި މައްސަލައެއް ނެތްކަމަށް ވޯޓުދިން މެންބަރުންނަކީ އެމީހުންގެ ޒިންމާ ފަހުމު ވެސް ނުވާ ސިކުނޑި އުނި މީހުން. މީ ލޯފަން މީހަކު އަމަށުން ތިބި ބަޔަކަށް އިރުއޮއްސޭމަންޒަރު ސިފަކޮށްދިނުން ކަހަލަ ކަމެއް. މީ ރައްޔިތުންނަށް ކުރެވޭ ފުރައްސާރައެއް. މިކަން ބަލައިގަނެވިގެން ނުވާނެ.