ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތައް ކުރިއަށް ގެންދާނެ އިޖުރާއަތްތައް ހިމެނޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި މަދަނީ އިޖުރާއަތުގެ ބިލު ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ފެބްރުއަރީ 12، 2020 ގައެވެ.
މަދަނީ އިޖުރާއަތުގެ ބިލުގައި ހިމެނޭ ބައެއް ކަންކަން:
- ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި ހުށަހަޅާނެ ގޮތް
 - ދައުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދައުވާއެއް އިސްލާހު ކުރާނެ ގޮތް
 - ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން
 - މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން
 - ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލުކުރަން ޖެހޭ ގޮތް
 - މައްސަލައާ ގުޅޭ ލިޔުންތައް ހާމަކުރުމާއި ހެކި ނެގުމުގެ އިޖުރާއަތްތައް ކަނޑައެޅުން
 - ޝަރީއަތް ހިންގުމަކާ ނުލައި މައްސަލައެއްގެ ހުކުމް ކަނޑައެޅޭނެ އުސޫލުތައް
 - ޝަރީއަތާ ގުޅިގެން ހިނގާ ޚަރަދު ޚަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން
 - ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތް
 - މައްސަލަ އިސްތިއުނާފް ކުރާނެ ގޮތް
 - ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން
 
ބިލުގައި ބުނާ ގޮތުން މަދަނީ މައްސަލައެއް ބެލުމުގެ އިހްތިސޯސް ކަނޑައެޅިފައި އޮތީ ސިވިލް ކޯޓަށެވެ. އެއަށް ފަހު އިސްތިއުނާފް ކުރަން މަތީ ކޯޓުތަކަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން، އެ ކަމެއް ހިނގި ސަރަހައްދެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓަކަށް ވެސް މިފަދަ މައްސަލައެއް ހުށަހެޅިގެން ބެލޭނެއެވެ.
