ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީ ކޮށްގެން ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ދިވެހިން ނިވާފަތްގަނޑަކަށް ވެ ހުރެ، ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.
އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމަކީ އެ އިސްލާހުގެ ބޭނުމެއް ކަމަށް ބުނެފައިވެއެވެ.
އެގޮތުން، 2014 ވަނަ ވުޖޫދަށް އައި ގާނޫނުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް މިހާރު ރަޖިސްޓްރީކޮށްދެވޭ ފަސް އަހަރުގެ މުއްދަތު މި އިސްލާހުގައިވަނީ 10 އަހަރު ދުވަހަށް އިތުރުކުރަން ހުށަހަޅައިފައެވެ. އޭގެ އިތުރުން، އެފަދަ ވިޔަފާރިއަކަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައި ވެސް އެ ވިޔަފާރިއެއް ކުރިއަށް ގެންދިއުމަށް ބޭނުންވެއްޖެނަމަ، ކުރިން ލިބޭ 90 ދުވަހުގެ މުއްދަތު އެ އިސްލާހުގައި ވަނީ އެއް އަހަރަށް އިތުރުކޮށްފައެވެ.
ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރު ކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން އެ ބިލުގައި އެބައޮތެވެ. އެގޮތުން އެ މާއްދާގެ (ރ)ގެ ގޮތުގައި އިތުރުކުރާ އަކުރުގެ (1) ވަނަ ނަމްބަރުގައި އޮތީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުންް 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.
ބިދޭސީން ޝާމިލުވާ ކަމަށް ބެލެވޭ ހާލަތުގައި ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ރަޖިސްޓްރާ އަށް ދޭން ބަދަލު ގެންނަނީ ގާނޫނުގެ 12 ވަނަ މާއްދާ އަށެވެ. އެ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގެ ފަހަތަށްް އިތުކުރާ ފުރަތަމަ އަކުރުގައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާއަށް ގަބޫލުކުރެވިއްޖެ ނަަމަ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެއެވެ.
އޭގެ އިތުރުން، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ވެސް އެ އިސްލާހުގައި ވަނީ ބޮޑުކޮށްފައެވެ. މިހާރު ގާނޫނުގައި ގިނަވެގެން 20،000 ރުފިޔާ އާ ހަމައަށް ކުރާ ޖޫރިމަނާ އެ އިސްލާހުގައި ވަނީ 100،000 ރުފިޔާއަށް އިތުރުކޮށްފައެވެ.