20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ހެލްތް މިނިސްޓްރީ އިން ފަށައިފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ބުނީ އަތޮޅުތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކަސްޓަމްސް އިން މިއަދު ކްލިއަކޮށް އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްބިއުލާންސާ ގުޅޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯ އާ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައެވެ. އޭގެ ތެރެއިން 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ގައެވެ.

އެ އެމްބިއުލާންސްތައް އެ މަހުގެ 30 ވަނަ ދުވަހު ރަށްތަކަށް ފޮނުވާފައިވާއިރު އެ ރަށްތަކަކީ ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި އެމްބިއުލާންސް ނެތުމުން ގާޑިޔާ، ބަރޯ ފަދަ ތަކެތީގައި މީހުން އުފުލުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހެލްތު މިނިސްޓްރީ އަށް ފާޑުކިޔައިފައެވެ. މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ އިރު، މިފަހުންވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ އެމްބިއުލާންސްގެ މައްސަލާގައި ކުއްލި މައްސަލައެއްް ހުށަހަޅާފައެވެ.