ބައެއް ހާލަތްތަކުގައި ޓެރަރިޒަމްގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ތިން މަސް ގިނަވެގެން ލިބޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކުރަން، މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭމަހުގެ 6 ގައި ދިން ބޮމުގެ ހަމަލައާ ގުޅިގެންނެވެ.

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ސްޕޮންސާ ކުރެއްވި އެ ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި ކޯޓު އަމުރަކާ ނުލާ ބަންދުގައި ބެހެއްޓޭ މުއްދަތު ދެ ދުވަހަށް އިތުރުކުރުމާއި، ހައްޔަރުކުރެވޭ ފަރާތްތަކުގެ ތަންތަން ކޯޓު އަމުރެއްނެތި ބަލާ ފާސްކުރުމަށް ފުލުހުންނަށް ބާރުތަކެއް ދިނުން ހިމެނެއެވެ.

އޭގެ ތެރެއިން މި ބިލުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ، ފުލުހުންގެ ތަހުގީގަށް ލިބޭ މުއްދަތު ދޮޅު މަހުން ތިން މަހަށް އިތުރުކުރުމެވެ. މި މާއްދާގައިވާ ގޮތުން، ތުހުމަތުކުރެވޭ ކުށުގެ ބާވަތުން ދޮޅު މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނުނިމޭނެ ނަމަ، ސަބަބު ބަޔާންކޮށް މުއްދަތު އިތުރުކުރުމަށް ޕީޖީ އޮފީހަށް ފުލުހުންނަށް ހުށަހެޅޭނެއެވެ.

ނަމަވެސް، އެގޮތުން 75 ދުވަސް އިތުރުކޮށްގެންވެސް ފުލުހުންގެ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން މައްސަލައެއްގެ ތަހުގީގު ނުނިމިއްޖެ ނަމަ، އިތުރު އެއްފަހަރު ތަހުގީގުގެ މުއްދަތު އިތުރުކުރުމަށް ފުލުހުންނަށް ހުށަހެޅިދާނެއެވެ. އެ ސަބަބަށް ބެލުމަށް ފަހު، 15 ދުވަހަށް ވުރެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ޕީޖީއަށް ދޭން ކޮމިޓީން ވަނީ ބުރާސްފަތި ދުވަހުގައި ފާސްކޮށްފައެވެ.

އޭގެ އިތުރުން، މުއްދަތު ފަހަނައަޅައި ދިޔަ ނަމަވެސް، މައްސަލާގައި ދައުވާކުރާ މީހާގެ މައްޗަށް އާ ހެކިތަކެއް ލިބިފައިވާނަމަ، ދައުވާކުރެވޭ ގޮތަށް މި ބިލަށް ވަނީ މާއްދާއެއް އިތުރުކޮށްފައެވެ.

މި ބިލް ސަލާމަތާ ބެހޭ ކޮމިޓީން ބުރާސްފަތި ދުވަހު ފާސްކޮށް، ތަޅުމަށް ފޮނުވާފައި ވަނީ ގާތްގަނޑަކަށް ހަތަރު މަސްދުވަހު ދިރާސާ ކުރުމަށް ފަހު، ބިލުގައި އާ ކަންތައްތަކެއް ހިމެނުމަށް ފަހުގައެވެ.