ކޮވިޑްގެ އާވެރިއަންޓް އޮމިކްރޯންގެ ސަބަބުން އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުން ދާ ދަތުރުވެރިންނަށް ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ދެކުނު އެފްރިކާގެ ރައީސް ގޮވާލައްވައިފިއެވެ.
އޮމިކްރޯން ވޭރިއަންޓް ފުރަތަމަ ފެނިގެން ދެކުނު އެފްރިކާއިން މިމަހުގެ 24 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއަށް ރިޕޯޓް ކުރުމާއެކު އެޖަމާއަތުން ވަނީ މި އާވޭރިއަންޓާ މެދު ކަންބޮޑުވާކަމަށް ބުނެފައެވެ. މިއާއެކު ގައުމުތަކުން ވަނީ ދެކުނު އެފްރިކާ ހިމެނޭ ހެން އެސަރަހައްދުގެ އިތުރު ގައުމުތަކުން އަންނަ ދަތުރުވެރިން އެގައުމުތަކަށް އެރުން މަނާކޮށްފައެވެ. އެފްރިކާގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާއާ ވިލާތުގެ ބައެއް ގައުމުތައް ހިމެނޭ އިރު އޭޝިޔާ ސަރަހައްދުން ވެސް ބައެއް ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ގޮތުން މިފަދަ ފިޔަވަޅުތައް އަޅާފައެވެ.
ދެކުނު އެފްރިކާއިން އޮމިކްރޯން ވޭރިއަންޓް ފެނުން ފަހުން ގައުމާ މުހާތަބްކޮށް ދެއްވި ފުރަތަމަ ހިތާބުގައި އެގައުމުގެ ރައީސް ސީރިލް ރަމަފޯސާ ވިދާޅުވީ، އެފްރިކާގެ ގައުމުތަކަށް ބޯޑަރުތައް ބަންދުކުރީ ސައިންޓިފިކް ގޮތުން ހޯދާފައިވާ ހޯދުންތަކަށް ބަލާފައި ނޫން ކަމަށެވެ.
އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ވޭރިއަންޓް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ އިގްތިސާދުތައް ހީނަރުވެ ބައްޔާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަމަފޯސާ ވަނީ ދުނިޔޭގެ ގައުމުތަކުން ދެކުނު އެފްރިކާއާއި އަވަށްޓެރި ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރުން މިހާރަށް އުވާލުމަށް ވެސް ގޮވާލައްވާފައެވެ.
ދެކުނު އެފްރިކާއިން މީގެ ކުރިން ބުނެފައިވަނީ ކޮވިޑްގެ އާވެރިއަންޓެއް އެގައުމުން ހޯދުމުން އެކަމުގައި ދެކުނު އެފްރިކާގެ ސައިންސްވެރިން ކުރި މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރުމުގެ ބަދަލުގައި ބައިނަލްއަޤްވާމީ ދުނިޔެއިން އެގައުމަށް އަދަބު ދީފައިވާ ކަމަށެވެ.