ގދ. މާވަރުލާއި އެ އަތޮޅުގެ ގައްދުއާ ދެމެދު އޮތް ފަޅުރަށަކަށް ރިޔާ ނެގި ބޮއްކުރައެއްގައި އިއްޔެ ހެނދުނު ދިޔަ ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުންނަކީ ގދ. ގައްދޫ، ޗިޗަންޑާގެ، އަބްދުއްރަހީމް، 79އ އާއި އެރަށު ޗަނބޭލީގެ ހަސަން މަޖުދީ 70އ އެވެ.

ގެއްލިގެން ހޯދަމުން ދިޔަ އަބްދުއްރަހީމާއި މަޖުދީ. ދެމީހުންވެސް ރަނގަޅު / ފޮޓޯ: އެމްއެންޑީއެފް

ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ އެ ދެމީހުން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 10:03 ހާއިރު ސިފައިންނަށް ލިބުމުން، ސިފައިން ވަނީ ފުލުހުންނާ ގުޅިގެން އެ ދެމީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް މިއަދު ސިފައިން ބުނީ އެއީ ޑިންގީއެއް ނޫން ކަމަށާއި ރިޔާނެގި ބޮއްކުރައެއް ކަމަށެވެ.

އެ ދެމީހުން ހޯދުމުގައި ގައްދޫގެ ކައުންސިލަރުންނާއި އެ ރަށުގެ ރައްޔިތުންވެސް ބައިވެރިވިއެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން ދިޔަ އަބްދުއްރަހީމާއި މަޖުދީ ފެނިފައިވަނީ ހުޅުމާވަރުލު ކިޔާ ފަޅު ރަށަކުން ކަމަށާއި، އެ ރަށުގައި ދެމީހުން މަޑުކުރީ ދިޔަވަރު ހިކިފައި އޮތުމާއެކު ދިޔަވަރު ބޮޑުވަންދެން ކަމަށެވެ. އަދި އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.