'އޮމިކްރޯން'ގެ ނަން ދީފައިވާ ކޮވިޑްގެ އާވެރިއަންޓް ފެތުރުން ހުއްޓުވުމަށް ސްރީލަންކާއިން ވެސް ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. މިގޮތުން ލަންކާއިން ވަނީ އެފްރިކާ ބައްރުގެ ދެކުނުގައި ހިމެނޭ 6 ގައުމަކުން އަންނަ ދަތުރުވެރިން ލަންކާއަށް ވަނުން މަނާކޮށްފައެވެ.

މީގެ ތެރޭގައި ވޭރިއަންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ ހިމެނޭ އިރު ބޮޓްސްވާނާ، ޒިމްބާބްވޭ، ނަމީބިއާ، ލެސޯތޯ، އަދި އިސްވަޓީނީގެ ދަތުރުވެރިންނަށް ލަންކާ ބަންދުކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މިކަން ތަންފީޒުކުރަން ފަށާނީ އަންނަ ހޯމަދުވަހުން ފަށައިގެން ކަމަށާ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މި ހަ ގައުމުން ލަންކާއަށް އައިސްފައިވާ ދަތުރުވެރިން 14 ދުވަހުގެ ގަރަންޓީނެއް ފުރިހަމަ ކުރަން ވެސް ލަންކާ ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ.

އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ލަންކާއިން ފިޔަވަޅު އަޅާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ މި ވޭރިއަންޓާ މެދު ރާއްޖެއިން ވެސް ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ނިންމުމަށް ޓެގް ޓީމުން މިއަދު ބައްދަލުކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ލަންކާގެ އިތުރުން އޭޝިޔާ، ޔޫރަޕް އަދި މެދު އިރުމަތީގެ ބައެއް ގައުމުތަކުން ވެސް ވަނީ އެފްރިކާ ބައްރުން އަންނަ ދަތުރުވެރިންނަށް އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާނެ ކަމަށް ބެލެވޭ އިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ އަވަސް އަރުވާލައިގެން މިފަދަ ފިޔަވަޅުތައް ނޭޅުމަށް ގައުމުތަކަށް ގޮވާލާފައެވެ. މި ވޭރިއަންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ކަމަށް އެޖަމާއަތުން ބުނި ނަމަވެސް އެޖަމާއަތުން އިތުރަށް ބުނީ އޮމިކްރޯން ވޭރިއަންޓާ ބެހޭ ފުރިހަމަ ތަހުލީލެއް ބޭނުންވާ ކަމަށާ މި ތަހުލީލުތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސާފުވެގެންދާނެ ކަމަށެވެ.