އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށް ވާނީ ތިޔާގިކަމާއި އިގްތިސޯދީ ތަރައްގީއެކޭ އެއްގޮތަށް އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ހޯދައިގެން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ރަނގަޅުކޮށް އަލުން މުޖުތަމައުއަށް ނެރުމުގެ ގޮތުން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދ. ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ ގައުމު ކުރިއަރައިދިއުމުގެ ވިސްނުން ހުރި މަންޒަރު ކަމަށެވެ.

ނަމަވެސް، އޭގެ ތެރެއިން ތަރައްގީގެ ގޮތުގައި އާންމުންނަށް ގަބޫލުކުރެވެނީ އިގްތިސޯދީ ތަނަވަސްކަމާއި މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތް އޮތުން ކަމަށާއި، އެކަމަކު އުފާވެރި މުޖުތަމައުއަކަށް ވުމަށްޓަކައި އިޖުތިމާއީ ދުޅަހެޔޮކަން އޮތުމުގެ މުހިންމުކަން މިނިސްޓަރު ފާޙަގަކުރެއްވިއެވެ.

"އެކަމަށްޓަކައި އެންމެނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްޤީއާއި ކުރިއެރުމަށް. އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިޤްތިސާދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން." ޢިމްރާން ވިދާޅުވިއެވެ.

ގައުމުގެ މިއަދުގެ ހާލަތުގައި އިޖުތިމާއީ އެތައް މައްސަލައެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް މިއަދު ކުރަންޖެހިފައިވާ މަސައްކަތްތައް ބައިވަރު އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން ކަމަށާއި، ރާއްޖޭގައި ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަލުން ރުޖޫއަކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން. އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ." މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ކުޑަހުވަދޫގައި މިއަދު މިއެޅުނު މަރުކަޒުގެ ބިންގަލަކީ އެތައް އަހަރެއް ވަންދެން ހައްލުނުވެ އޮތް މައްސަލައެއް ހައްލުކުރުމުގެ ބިންގާ ކަމަށާއި މި މަސައްކަތް ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.