ޅ. ނައިފަރު މީހަކު 78 އަހަރަށް ޖަލަށްލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
78 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ނައިފަރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުންތަސަރު ޔޫސުފްއަށެވެ.
އޭނާއަށް ކޮށްފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތިން ދައުވާއަކާއި ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އެދައުވާތައް ސާބިތުވެފައި ވަނީ އޭނާ އަމިއްލައަށް އިއުތިރާފު ވުމުންނެވެ.
މި މައްސަލައާ ގުޅިގެން ކުރި ޖަލު ހުކުމްތައް:
- ކެނެބިސް ބޭނުންކުރުމުގެ ދައުވާ: ދެ އަހަރާއި 8 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް.
- ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ: އުމުރު ދުވަހުގެ ތިން ޖަލު ހުކުމެއް.
ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ ކޮންމެ ދައުވާއަކަށް 100،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެހެން ކަމުން އޭނާ ޖުމްލަ 300،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.
މި މައްސަލަ ބައްލަވާފައިވަނީ ޅ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާއެވެ.