"އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދެމެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި މުހައްމަދު ޔާސީން އީސީއަށް ހުށަހަޅާފައި ވަނީ މިމަހު 15 ވަނަ ދުވަހު ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނޭ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން އީސީން ބުނީ "ސިޔާސީ ޕާޓީގެ ގަވާއިދު" ގެ 6 ވަނަ މާއްދާގެ (ރ) ގައި ވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާން ޖެހޭނޭ ކަމަށެވެ.

ނަމަވެސް ޔާސީން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، "އެކުވެރި ސުވަދީބު ޕާޓީ" އަކީ ހަވާލާދެވުނު ގާނޫނުގައި ވާފަދައިން، ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ކުރެވޭ ނަމަކަށް ވާތީ، ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމަށް ނުދެކޭ ކަމަށް އީސީން ބުނެއެވެ.

އެހެން ކަމުން އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަމަށް، ކޮމިޝަނުން ނިންމާފައިވާ ކަމަށް އީސީން ބުނެއެވެ.