އެފްރިކާ، އޭޝިޔާ އަދި ކެރޭބިއަން ސަރަހައްދުގައި އޮންނަ ފަގީރު އަދި ކުރިއަމުން އަންނަ ގައުމުތަކަށް މާލީ ގޮތުން އެހީވުމަށް އިނގިރޭސިވިލާތުން އާ އިދާރާއެއް އުފައްދަން ނިންމައިފިއެވެ.

އިނގިރޭސި ސަރުކާރުން ބުނީ ބްރިޓިޝް އިންޓާނޭޝަނަލް އިންވެސްޓް، ބީއައިއައިގެ ނަމުގައި ގާއިމުކުރާ މި އިދާރާއިން މެދު ފަންތީގެ އަދި ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ޓެކްނޮލޮޖީގެ މަޝްރޫއުތަކަށް އިންވެސްޓް ކުރާނެ ކަމަށެވެ.

އަދި 2025 ވަނަ އަހަރުގެ ނިޔަލަށް 8 ބިލިއަން ޕައުންޑް އެކި މަޝްރޫއުތަކަށް އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

އިނގިރޭސި ސަރުކާރުން ބުނީ މާލީ އެހީ ދިނުމުގައި އިސްކަން ދޭނީ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށާ މިއީ މިއަހަރު ސްކޮޓްލޭންޑްގެ ގްލަސްކޯގައި ބޭއްވި މޫސުމާ ބެހޭ ބައިނަލްއަގްވާމީ ސަމިޓް ކޮޕް26 ގައި އިނގިރޭސި ބޮޑު ވަޒީރު ބޯރިސް ޖޯންސަން ކުރެއްވި ވައުދުތަކަށް ބާރު ދިނުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށެވެ.

އިނގިރޭސި ސަރުކާރުން ވަނީ މި އާ މަލީ އިދާރާއިން ފުރަތަމަ މިސްރާބު ޖަހާނީ އޭޝިޔާއަށް ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. އަދި ހާއްސަކޮށް އިންޑޯ-ޕެސިފިކް ސަރަހައްދަށް އިސްކަން ދޭނެ އިރު މިއީ ޗައިނާގެ ބެލްޓޯ ރޯޑް އިނީޝިއޭޓިވްއަށް ގޮން ޖަހާލާނެ ވަރުގެ މާލީ އިދާރާއަކަށް ހެދުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރާނެ ކަމަށް ބުނެއެވެ.