ވިލާ ގްރޫޕުގެ ކުންފުނިތަކުން އެސްޓީއޯއާ ގުޅިގެން ކޮރަޕްޝަނުގެ އަމަލުތައް ހިންގައި އޭގެ ތެރެއިން މަނީ ލޯންޑާ ކުރާކަމުގެ ތުހުމަތަކީ ދޮގެއް ކަމަށާއި އެއީ ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އަދު ވައްޓާލަން ކުރާ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި އެސްޓީއޯ އާއި ވިލާ ގުޅިގެން ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކެއްގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިން ހިމެނޭކަމަށް ތުހުމަތުކޮށް ލިޔެފައިވާ ހަބަރާ ގުޅިގެން ވިލާ ގުރޫޕުން ނެރުނު ނޫސްބަޔާނުގައި ބުނީ އެއީ އެއްވެސް އަސްލެއް ނެތް އަދި ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވިލާއިން މީގެ 35 އަހަރު ކުރިން ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް ގެންދެވީ ތަފާތު ވިޔަފާރިތައް ކުރައްވަމުން ކަމަށާއި އެގޮތުން ތެލާއި ގޭހާއި ސިމެންތީގެ އިތުރުން ކޮންސްޓަކްޝަން ސާމާނާއި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ވިއްކުމަކީ ވިލާއިން ރިސޯޓު ވިޔަފާރީގެ ތެރެއަށް ވަނުމުގެ ކުރިން ވެސް ކުރަމުން އައި ވިޔަފާރިތަކެއް ކަމަށެވެ.

"ވިލާ ގުރޫޕުގެ ކުންފުނިތަކުން އަބަދުވެސް ވިޔަފާރިކުރަނީ ގާނޫނާއި ގަވައިދުތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށެވެ. ބައިނަލްއަގުވާމީ ވިޔަފާރި މުއާމަލާތްތަކުގައި ވިލާ ގުރޫޕުގެ ކުންފުނިތަކުން ކުރާ ފައިސާގެ ހުރިހާ މުއާމަލާތްތަކަކީ ބޭންކިން ސިސްޓަމުގެ ތެރެއިން ގަވައިދުން ކުރަމުން އަންނަ މުއާމަލާތް ތަކެކެވެ،"
ވިލާ ގްރޫޕް

ވިލާއިން ބުނި ގޮތުގައި އެ ކުންފުނީގެ މުއާމާލަތްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކުގައި ހުންނާނެ ކަމަށެވެ.

ވިލާއިން ވަނީ ސިޔާސީ ދާއިރާގައި ގާސިމް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އަގު ވައްޓާލަން މީޑިއާތަކުން ފަތުރާ ދޮގު ވާހަކަތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ވިލާ ގްރޫޕްގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރަން ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.