ސެޓެލްކޯއިން އދ. ހަންޏާމީދޫއަށް ގެންދިޔަ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުސެޓާއެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 740 ކިލޯވޮޓަށް އިތުރުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް ހަންޏާމީދޫއަށް ގެންގޮސްފައިވަނީ އެ މަހުގެ 22 ވަނަ ދުވަހެވެ. އެ ރަށަށް ގެންގޮސްފައިވާ ޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހަންޏާމީދޫއަށް ފޮނުވާފައިވާ އެ ކުންފުނީގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް STW300 ކޮމިޝަން ކުރެވި ބޭނުންކުރަން ފެށުމާއެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 460kW އިން 740kW އަށް ވަނީ އިތުރުކުރެވިފާ ކަމަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައި ވާއިރު އޭގެ ތެރޭގައި STW600، STW300، އަދި STW800 ހިމެނެވެ.

މި މަހުގެ 21 ވަަނަ ދުވަހު ވަނީ ސްޓެވޯ ޖަނަރޭޓަރުސެޓަކާއެކު ވ. ތިނަދޫގެ އާ އިންޖީނުގޭގެ ހިދުމަތްވެސް ފަށާފައެވެ. އެ ރަށަށް ގެންގޮސްފައިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ ޖަނަރޭޓަރެކެވެ. އަދި އެ ރަށުގެ ކަރަންޓް ކެޕޭސިޓީ ވަނީ 1136kW އަށް އިތުރުވެފައެވެ.